ޚަބަރު

އޭޕްރީލް މަހު ކާޑުގެ އަގު ހެޔޮ ކުރާނަން - ރައީސުލްޖުމްހޫރިއްޔާ


އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންނަ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވައްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ހެޔޮކޮށް، ކާޑުގެ ބާވަތްތައް މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ބޮޑު ސަބްސިޑީއެއް ދެއެވެ. ހަނޑޫ، ހަކުރު އަދި ފުށުގެ އަގުތައް ހެޔޮކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއެކު، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ އިތުރަށް ބޮޑުކުރައްވާނެކަމަށް ބެލެވެއެވެ. ކާޑުގެ ބާވަތްތައް އެސްޓީއޯއިން ވިއްކަނީ ހަކުރު ކިލޯއެއް 4 ރުފިޔާ، ހަނޑޫ ކިލޯއެއް 3 ރުފިޔާ 98 ލާރި އަދި ފުށް ކިލޯއެއް 2 ރުފިޔާ 98 ލާރިއަށެވެ.

ނަމަވެސް މިތަކެތި ރާއްޖެ އެތެރެކުރުމަށްފަހު އަތޮޅުތެރެއަށް ކަނޑުމަގުން ގެންދިއުމަށް ކުރަންޖެހޭ ހޭދައިގެ ސަބަބުން އަތޮޅުތެރޭގައި ކާޑުގެ ބާވައްތައް ވިއްކަނީ އެއައްވުރެ އަގުބޮޑުކޮށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ކަޑައަޅާފައިވާ އުސޫލުގެ ދަށުން ނާލާއި، މަޖޫރީންގެ ފީއާއި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތަކުގެ އަގަށް އިތުރުކުރެވޭނީ ކިލޯއަކަށް ގިނަވެގެން 82 ލާރިއާއި، 1 ރުފިޔާ 21 ލާރިއާ ދެމެދުގެ ޢަދަދެކެވެ.