ޚަބަރު

ކޮންމެ ދާއިރާއެއްގައިވެސް އަންހެނުންގެ ހައްގު ރައްކާތެރި ކުރެވޭނެ


ދިވެހި ސަރުކާރުން އޮތީ މުޖްތަމަޢުގެ ކޮންމެ ދާއިރާއެއްގައި ވެސް އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތައްޔާރަށް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.ރާއްޖޭގައި، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް މުރާޖާ ކުރުމަށް ސުވިޓްޒަލޭންޑްގެ ޖެނީގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވަނީ، އަންހެނުންނާ ދެކޮޅަށް ކުރާ އެކި އެކި ތަފާތުކުރުންތައް ނައްތާލުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާލައްވާފައެވެ.ޚާރިޖީ ވަޒީރާގެ ވާހަކަފުޅުގައި ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ ގާނޫނަކަށް ދިވެހި ރާއްޖެއިން މިހާރު އަމަލުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިރޮނގުން އިތުރު ޤާނޫނީ ބާރު ހޯދުމަށް އެކި އެކި ބިލްތަކާ ޤާނޫނުތައް އެކުލަވާލުމަށް ސަރުކާރުން އިސް ކަމެއްދޭ ކަމަށާ އަންހެނުންނަށް ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ޤާނޫނުތައް ތަންފީޒުކުރުމަށް ސަރުކާރުން އަހައްމިއްޔަތު ކަމެއް ދޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް މުރާޖަޢާ ކުރުމަށް ސުވިޓްޒަލޭންޑްގެ ޖެނީގައި މިހާރު ކުރިއަށްދާ ބައްދަލުވުމަކީ 1993 ވަނަ އަހަރު ރާއްޖެއިން އެއްބަސްވި އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ ޤަރާރުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަމެކެވެ.