ޚަބަރު

ފަލަސްތީނުގައި ހަރަކާތްތެރިވާ ސުލްޙަ ބަލަހައްޓާ ފައުޖުގެ މައްސަލައިގައި ހުށަހެޅި ޤަރާރު އެމެރިކާއިން ހުއްޓުވައިފި

ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަލަސްޠީނުގެ އަލްޚަލީލުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ސުލްޙަ ބަލަހައްޓާ ފައުޖު އެ ޤައުމުން ބޭރުކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތައް ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ބަޔާނަކަށް އެމެރިކާއިން ހުރަސް އަޅައިފިއެވެ.

އެމެރިކާ އަކީ އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ޤައުމަކަށްވާތީ އެ މަޖިލީހުން އެކުލަވާލާ ޤަރާރުތައް ވީޓޯކޮށް ބަޔާންތަކަށް ހުރަސްއެޅުމުގެ ބާރު އެ ޤައުމަށް ލިބިގެންވެއެވެ. ހުސްވި ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ މި ފައުޖުތައް ފަލަސްޠީނުގައި އިތުރަށް ބޭތިއްބުމުގެ ހުއްދަ ދެން ނުދޭނެކަމަށެވެ.

މި ފައުޖުގައި އިސްކޮށް ހަރަކާތްތެރިވާ ނޯވޭއިން ބުނެފައިވަނީ، އެއްވެސް މަޤުބޫލް އަސާސެއް ނެތި އިސްރާއީލުން ނިންމި މި ނިންމުމުގެ ސަބަބުން ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ގޮވާލާ އެއްބަސްވި އޮސްލޯ މުޢާހަދާގެ މުހިއްމު ބައެއް ތަންފީޒުވުން ހުއްޓިގެން ހިނގައިދާނެކަމަށެވެ.

ކުވައިތާ އިންޑޮނޭޝިޔާގެ އެދުމުގެ މަތިން އދގެ ސަލާމަތީ މަޖިލީހުން މިކަމާ ބެހޭގޮތުން މަޝްވަރާކޮށް ބަޔާނެއްވެސް އެކުވަލާލިކަމަށް އދގެ ޑިޕްލޮމެޓުން ބުނެއެވެ. އެހެންނަމަވެސް އެމެރިކާއިން ބުނެފައިވަނީ މި ފަދަ ހާލަތެއްގައި މި ފަދަ ބަޔާނެއް ނެރުމަކީ އެންމެ އެކަށިގެންވާ ކަން ނޫންކަމަށް ކަންވެސް އދގެ ޑިޕްލޮމެޓުން ވަނީ ބުނެފައެވެ.