ޚަބަރު

މަންބިޖާ ގުޅޭގޮތުން އެކުލަވާލި މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށް: ތުރުކީ


ސޫރިޔާގެ އުތުރުގެ ރަށެއް ކަމަށްވާ މަންބިޖާ ގުޅޭގޮތުން އެމެރިކާ އާއި ތުރުކީވިލާތުން އެކުލަވާލި މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޮޝިންޓަންއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޗާވެޝޮގްލޫ ވިދާޅުވީ، ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުގެ މޫސުން ގޯސްވިކަމުގައިވިޔަސް، މަންބިޖްގެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އަންނައިރު މި އެއްބަސްވުން މުޅިންހެން ތަންފީޒު ކުރެވެން ޖެހޭ ކަމަށާއި މިކަން ދިގުލައިގެން ދަނީ އެމެރިކާގެ ސަބަބުންކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޗާވެޝޮގްލޫ ވިދާޅުވީ، ތުރުކީވިލާތާއި އެމެރިކާއިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދަނީ ގުޅިގެންކަމަށެވެ. އަދި މަންބިޖްގެ ތެރޭގައި ހަރަކާތްތެރިވާނީ ކޮން ޤައުމެއްގެ ސިފައިން ކަމަށާއި، ބޭރުގައި ހުންނަ ސަލާމަތީ ސްޓޭޝަންތަކާއި ވިލަރެސްކުރާނީ ކޮން ފަރާތަކުން ކަމާމެދު ދެ ފަރާތުން ގޮތެއް ނިންމުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ޗާވެޝޮގްލޫ ވިދާޅުވިއެވެ.

އެހެންނަމަވެސް އެމެރިކާ އާއި ތުރުކީވިލާތުން އެއްބަސްވިގޮތާ ޚިލާފަށް މަންބިޖްގައި އަދިވެސް ކުރުދީ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.