ޚަބަރު

ތަމްރީނާއެކު ނޫނީ ނުފީނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި


އެކަށީގެންވާ ތަމްރީނު ނުލިބި ކަނޑައެޅިފައިވާ މިންވަރަށް ވުރެ ފުނަށް ފީނުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ކަމަށާ، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސްކުރައްވައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމާ ގުޅުހުންހުރި މަސައްކަތުގެ ތެރެއިން، ފީނައިގެން ނުރައްކާތެރި 25 ޙާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށެވެ.

މަސްވެރިކަން ކުރުމުގައި އެންހިފަން ފީނުމާގުޅިގެން ކަނޑުމަތީގައި ހިނގާ ޙާދިސާތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީފް ކޯސްޓްގާރޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާރނަލް މުޙައްމަދު ސަލީމް ވިދާޅުވީ، މަސްވެރިކަން ކުރުމަށް އެން ހިފަން ފީނައިގެން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނުރައްކާތެރި 25 ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެގޮތުން 2018ވަނަ އަހަރު 6 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަން އޭޏާ ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ، ރާއްޖެއަކީ ރެކްރިއޭޝަނަލް ޑައިވިންގ ނުވަތަ މުނިފޫހި ފިލުވުމަށް ފީނުމަށް ދުނިޔޭގެ އެންމެ ރައްކާތެރި އެއްޤައުމު ކަމަށާއި އަޑިއަށް ފީނައިގެން ހިނގާ މިފަދަ ޙާދިސާތަށް ގިނައިން ހިނގާފައިވަނީ އެކަމަށް އެކަށީގެންވާ ތަމްރީނު ނުލިބި ތިބެ އަޑިއަށް ފީނައިގެން ކަމަށެވެ.

ފީނުމުގައި ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު ބައެއް ފަރާތްތަކުން އެމިންގަނޑާ ޚިލާފުވުމުގެ ސަބަބުން މިފަދަ ޙާދިސާތަށް ހިނގާފައިވާކަން ފާހަގަކުރެވިފައިވާކަމަށާ އޭގެތެރޭގައި އެއްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް އެއްފަހަރަށްވުރެ ގިނައިން ފީނުމާއި، 40 މީޓަރަށްވުރެ އަޑިއަށް ފީނައިގެން ދިމާވެފައިހުރި ކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރެކްރިއޭޝަން ޑައިވްތަކުގައި ފީނަން އެންމެ ރައްކާތެރި ފުންމިނަކަށް ކަނޑައަޅާފައިވަނީ 30 މީޓަރެވެ.
30 މީޓަރު އަޑިއަށް ފީނާ މީހަކު އާދައިގެ ވައި ފުޅިއަޅައިގެން އަޑީގައި މަޑުކުރެވެނެ ވަގުތަކީ 20 މިނިޓެވެ. 40 މީޓަރު އަޑިއަށް ފީނާ މީހަކު އަޑީގައި މަޑުކުރެވޭނެ ވަގުތަކީ 9 މިނިޓެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް މެރިން ސައިންސްގެ ޑީން ޑރ.ޝައްޢާ އަބްދުﷲ ޙަމީދު ވިދާޅުވީ، ފީނާއިރު ފީނާ މީހާގެ ޢާންމުސިއްޙަތު ރަނގަޅުވާން ޖެހޭކަމަށާ، އެއްވެސްކަހަލަ ބަލިމަޑުކަމެއް ނުވަތަ ބައްޔެއް ޖެހިގެންހުރެ ފީނުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެދާނެ ކަމެއްކަމަށެވެ.

އެން ހިފުމަށް މަސްވެރިން ފީނުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އޮޑިދޯނިފަހަރުގައި މަސައްކަތްކުރާ މީހުންނާއި މަސްވެރިންނަށް ފީނުމުގެ މިންގަނޑުތަކާބެހޭގޮތުން، ޚާއްސަ ތަމްރީނުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވިދާޅުވިއެވެ.

އެން ހިފުމާއި، ލަނޑާ ނެގުމާއި އެހެނިހެން ބޭނުންތަކަށް ފީނާއިރު ޤަވާއިދުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ފީނަމުންދިއުމަކީ ނުރައްކާތެރި ޙާދިސާތައް ހިނގަން މެދުވެރިވާނެ ކަމަކަށްވާތީ، އެންމެހައި ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވަފައެވެ.