ޚަބަރު

ޒަކާތުފަންޑުގައި ހުރި ފައިސާގެ ޖުމުލަ އަދަދު 75 މިލިޔަނަށް އަރާ


ޒަކާތުފަންޑުގައި މިހާރުހުރި ފައިސާގެ ޖުމުލަ އަދަދު 75 މިލިޔަނަށް އަރާފައިވާކަމަށާއި، މީގެތެރެއިން 10 މިލިޔަންރުފިޔާ މަތީތައުލީމު ހާސިލްކުރަންބޭނުންވާ ދަރިވަރުންނަށް، މާލީއެހީގެ ގޮތުގައި ދޫކުރުމަށް އަންނަ މާޗް މަހުގެ ތެރޭގައި އިޢުލާން ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީން ކުރައްވަމުންގެންދަވާ މުހިންމުކަންކަމާގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، އަތޮޅުތަކުން ލިބިފައިވާ ފައިސާއާއެކު އެފަންޑަށް މިއަހަރަށް 55 މިލިޔަން ރުފިޔާ ލިބިފައިކަމަށާއި، 75 މިލިޔަން ހަމަވެފައިވަނީ ކުރީ އަހަރުތަކުގައި ލިބިފައި ހުރި އަދަދުން ފަންޑުގައި ހުރި ފައިސާ ހިމެނޭގޮތަށް ކަމަށެވެ.މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުން ދީނީ ކަންކަމާއި އިޖްތިމާއީ، ކަންކަމަށް ޚަރަދުކުރަމުންދާ ކަމަށާއި،  މާލީގޮތުން ދަތި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.ނޫސްވެރިންގެ މިބައްދަލުވުމުގައި މިނިސްޓަރ ޝަހީމްވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ފަނަރަ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއު ފަށައިގެން ކުރިޔަށްދާކަމަށާއި، ގދ. ތިނަދޫގައި ގާއިމްކުރާ އިސްލާމީ މަރުކަޒު ހިމެނޭގޮތަށް، މިއަހަރު އިތުރު 22 ރަށެއްގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.މިސްކިތު ފަންޑު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަދަމުންދާ ވަގްފް އިމާރާތްތަކުގެ ތެރެއިން މާލޭގައި ހަދަންފަށާފައިވާ، ދާރުލް އުލޫމްގެ ފަސް ފަންގިފިލާ ނިމިފައިވާކަމަށާއި، މިފަދަ އިތުރު ހަ އިމާތާރާތެއް އަތޮޅުތަކުގެ ރަށްތަކުގައި ގާއިމްކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.