ޚަބަރު

ޤައިދީންނަށް ސިއްޚީ ހިދުމަތް ފޯރުކޮށްދޭނޭ ފަރާތްތައް ކަރެކްޝަނަލް ސަރވިސުން ހޯދަނީ


ޤައިދީންނަށް ސިއްޚީ ހިދުމަތް ފޯރުކޮށްދޭނޭ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން އިއުލާންކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގަމުންގެންދާ ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުނަށް ދަތުގެ ފަރުވާ ދޭނެ ޑޮކްޓަރަކާއި، ފިޒިއޮތެރަޕިސްޓަކާއި، މެޑިކަލް އޮފިސަރަކާއި، ކައުންސިލަރއެއްގެ އިތުރުން ނަރުހުންވެސް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މިފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މާފުށީ ޖަލާއި، އައްސޭރި ޖަލުގެ އިތުރުން މާލެ ޖަލާއި، ހުޅުމާލެ ޖަލުގައިކަމަށް ކަރެކްޝަނަލް ސަރވިސުން ބުނެއެވެ. މީގެ ތެރެއިން ފިޒިއޮތެރަޕިސްޓާއި ކައުންސިލަރ ހޯދަނީ ކޮންޓެރެކްޓް އުސޫލުންނެވެ.

ކަރެކްޝަނަލް ސަރވިސުން ޤައިދީންނަށް ސިއްޚީ ފަރުވާގެ ހިދުމަތް ފޯރުކޮށްދޭނޭ ފަރާތައް ހޯދުމަށް އިއުލާންކޮށްފައިވާއިރު، ޤައިދީންގެ ސިއްޙީ ކަންކަން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފައިވާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ހެލްތް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ގުޅިގެން ކުރި މަޝްވަރާތަކަކަށް ފަހު ޤައިދީންނަށް ދޭވޭ ސިއްޙީ ފަރުވާ އަވަސްކޮށް ރަނގަޅުފެންވަރެއްގެ ޚިދުމަތް ދިނުމައްޓަކައި ވެފައިވާ އެއްބަސްވުމަކަށް މިހާރުވަނީ އަމަލުކުރަން ފަށާފައެވެ.

މިކަން ހާމަކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޚާއްސަ އިސްކަމެއްދީގެން ޤައިދީންގެ ބޭސްފަރުވާގެ ކަންކަމަށް ވޭތުވެދިޔަ ތަނުގައި ވެފައިވާ އިޙްމާލުތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި އައި.ޖީ.އެމް.އެޗާއެކު މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި ގިނައިން ފާހަގަކުރެވޭ ހަމުގެ ބަލިފަދަ ބަލިތަކަށް ފަރުވާދިނުމަށް ޚައްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.