ސިޔާސީ

ކުރި ޑިމާންޑްތަކަކީ ސަރުކާރާއި ގުޅުން ހުރި ޑިމާންޑްތަކެއް ނޫން


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު ބޭއްވި މުޒާހަރާގައި ކުރި ޑިމާންޑްތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ޑިމާންޑްތަކެއް ނޫންކަމަށާއި، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށް ގޮވާލި ގޮވާލުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެކަމެއް ނޫންކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ބޭއްވި މުޒާހަރާގައި، ސަރުކާރަށް ކުރި ޑިމާންޑްތަކާއި ގުޅޭގޮތުން އެމްބީސީއާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ،އެފަރާތްތަކުން ކުރި ޑިމާންޑްތަކަކީ ސަރުކާރާއި ގުޅުން ހުރި ޑިމާންޑްތަކެއް ނޫންކަމަށެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ބަންދުގައި ތިބި ފަރާތްތަށް މިނިވަން ކުރުމަށް ގޮވާލި ގޮވާލުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއްނޫންކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީއާއި ޚިލާފްކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ނުކުރެއްވޭނެކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، މިޑިމާންޑްތަކުގެ ތެރޭގައި ސަރުކާރުން މިހާރު ފުރިހަމަކޮށްފައިވާ ކަންކަން ހިމަނާފައިވާތީ އެކަމާއި ހިތާމަކުރާކަމަށެވެ. އަދި ކޮރަޕްޝަންގެ ވާހަކަދައްކާއިރު، ޑިމާންޑްކުރާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ފަރާތްތައްކަން ފާހަގަކުރެއްވޭކަމަށްވެސް މުއާޒު ވިދާޅުވިއެވެ.