ޚަބަރު

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ ދިވެހި ސިފައިން - އެމްއެންޑީއެފް


ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ނޫން ކަމަށް ޤައުމީ ދިފާއީ ބާރު އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ޤައުމީ ދިފާއީ ބާރުން ކުރިއަށް ގެންދާ ބައެއް މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްޞާ ކުރުމަށް ކޯސްޓް ގާރޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޤައުމުތަކުންވެސް އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ކުރިއަރާފައިވާ އެހެން ޤައުމުތަކާއި ގުޅިގެން ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ، ހެލިކޮޕްޓަރުގެ ކަންކަން ބެލެއްޓުމުގެ ކަންކަމުގައި އިންޑިއާ ސިފައިން ޔުނީފޯމުގައި ހަތިޔާރާއިއެކު ހަރަކާތްތެރިވަމުން ނުދާކަމަށެވެ.

"އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕުޓަރުގެ ޓެކްނިކަލް ކަންކަން ބެލުމަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ތިބޭނީ ހަތިޔާރު ހިފައިގެނެއް ނޫން. އެ މީހުން އެތިބެނީ ހަމަ ހެލިކޮޕްޓަރުގެ ބެލެހެއްޓުމުގެ މަސައްކަތުގައި." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު މިހާރުވެސް އޮޕަރޭޓް ކުރަނީ ސީދާ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށާއި، އެމްއެންޑީއެފުން ބޭނުންވެއްޖެ ހާލަތެއްގައި އެ ދެ ހެލިކޮޕުޓަރުގެ މިލްކްވެރިކަން ލިބުމުގެ ފުރުސަތުވެސް އޮތްކަމަށެވެ.

"އެއީ ރާއްޖެއަށް ހިލޭ ދޭން ނިންމާފައިވާ ހެލިކޮޕްޓަރުތަކެއް. އެކަމަކު އިންޑިއާ ސިފައިން ރާއްޖޭގައި އެތިބެނީ އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ދިވެހި ސިފައިނަށް ދަތިކަމަކަށްވާނެތީ." ޝަމާލް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވުމެއް ކަމުގައި ބައެއް ފަރާތްތަކުން ބުނުމާއެކު ރައީސް ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލި ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ހެލިކޮޕްޓަރުގެ ދަތުރުތައް އަލުން ވަނީ ފަށާފައެވެ.