ވިޔަފާރި

މޯލްޑިވްސް ގެޓަވޭސްއިން "އިންޑިއަން އޯޝަން ބިޒްނަސް ފެސްޓިވަލް" ރާއްޖޭގައި ބާއްވަނީ


ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކަށް ހުޅުވާލައިގެން މޯލްޑިވްސް ގެޓަވޭސްއިން ބިޒްނަސް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
"އިންޑިއަން އޯޝަން ބިޒްނަސް ފެސްޓިވަލް" ނަމުގައި މި ވެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހު އެވެ. ގެޓަވޭސްއިން ބުނީ، މިފެސްޓިވަލުގެ ތެރެއިން މައިގަނޑު 7 އިވެންޓެއް ކުރިޔަށްދާނެކަމަށެވެ. "އިންޑިއަން އޯޝަން ބިސްނަސް ފެސްޓިވަލް"ގައި އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ތިން ހާހަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކުން ބައިވެރިވާނެއެވެ.

ގެޓަވޭސްއިން ބުނީ، މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތައް ހަދާނެކަމަށެވެ. އަދި މިފެސްޓިވަލުގެ ޒަރިއްޔާއިން ދުނިޔޭގެ ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ވިޔަފާރީގެ މަޝްވަރާތަކާއި، ޕާޓްނަރޝިޕްތައް ޤާއިމްކޮށް، މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. ގެޓަވޭސްއިން ބުނީ، އަންނަ އަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް އަހަރަކު 2 ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ގެޓަވޭސްގެ ސީއީއޯ، ޑރ ހަސަން ސަނީ އުމަރު ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ގޮތުން ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެއްބަސްވުންތަކަށް އައުމަށް ލިބޭ ފަހި ފުރުސަތަކަށް ވާނޭކަމަށެވެ. މި ފެސްޓިވަލުގައި ބައިވެރިވުމަށް ދައުވަތު ދުނިޔޭގެ ހުރިހާ ޤައުމެއްގެ ވިޔަފާރިތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފެސްޓިވަލުގެ ތެރެއިން ދުނިޔޭގެ މަޝްހޫރު އަދި މަޤުބޫލު ބްރޭންޑުތަކާއި ކުންފުނިތަކުގެ، މުދަލާއި ޙިދުމަތްތައް ދައްކާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މިގޮތުން ޓުއަރިޒަމް، ބޭންކިން، އިންޝުއަރަންސް، ލޮޖިސްޓިކްސް، އޭވިއޭޝަން އަދި އިންވެސްޓްމަންޓުގެ ދާއިރާގެ ވިޔަފާރިތައް މިފެސްޓިވަލުގައި ބައިވެރިވާނެއެވެ.