ވިޔަފާރި

ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ރާއްޖެއިން ބޭރުގައި ވިޔަފާރިކުރަންޖެހޭ- އިކޮނޮމިކް މިނިސްޓަރ


ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޞު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކުގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ، ސީއައިބީ މެދުވެރިކޮށް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ދަރަނީގެ ވަނަވަރު އަމިއްލައަށް ބަލައިލެވޭ ނިޒާމެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ހަމައެކަނި ރާއްޖޭގައި ވިޔަފާރިކުރުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ވިޔަފާރި ފުޅާކުރަންޖެހޭކަމަށެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކަކީ ރާއްޖެއިން ބޭރުގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުނިތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ބޮޑެތި ކުންފުނިތަކުން ކަންމަތީ ވިޔަފާރިކުރަމުން އަންނައައުން ހުއްޓާލަންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"
ކުރިޔަށްއޮތް ތަނުގައި އަޅުގަނޑުމެން ދެކެން ބޭނުމީ ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަށް ދިވެހިރާއްޖެއިން ބޭރުގައި މަސައްކަތްކުރާތަން. އަޅުގަނޑުމެންގެ ސަރުކާރުގެ ބޮޑެތި ކުންފުނިތަށް މަގުމަތީ، ކަންމަތީ ފިހާރަ ހިންގުމުގެ ބަދަލުގައި ދިވެހިރާއްޖެއިން ބޭރުގެ ބޮޑެތި ޕްރޮޖެޓްތަކުގައި ބައިވެރިވެ، އޭގެ މަންފާ ދިވެހިރާއްޖެއަށް ހޯދުން. އެކަމުގައިވެސް އޮތް އެއް ދަތިކަމަކީ އަނެއްކާވެސް ހަމަ ދަންނަވާނީ ފައިސާއޭ. އަޅުގަނޑުމެންގެ ޓެލެންޓު އެބަހުރި، ޤާބިލްކަން އެބަހުރި. މިކުންފުނިތަކަށް ރާއްޖޭގެ އިމުން ބޭރަށް ދިއުމަށްޓަކާ އަޅުގަނޑުމެންގެ ބޭންކުތަކުގެ އެހީތެރިކަން ބޭނުންވޭ
އިކޮނޮމިކް މިނިސްޓަރު ފައްޔާޞު އިސްމާޢީލް

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން އަދުގެ ސަރުކާރުގެ އަމާޒަކީ ސަރަހައްދީ ގޮތުން ދިވެހިރާއްޖެ އިޤްތިސާދީ ބާރަކަށް ހަދައި، އިސްލާމީ ފައިނޭންސްގެ ހަބަކަށް ހެދުންކަމަށްވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޞު އިސްމާޢިލް ވިދާޅުވިއެވެ.
ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ދަރަނީގެ ވަނަވަރު އަމިއްލައަށް ބަލައިލެވޭ ނިޒާމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަރުކަޒީ ބޭންކުން ތައާރަފްކުރި މި ޚިދުމަތުގެ ސަބަބުން އެސްއެމްއީ ތަރައްޤީކޮށް އަމިއްލަ ފަރުދުންނަށް ލޯނު ނެގެމާއި މާލީ އެހީތެރިކަން ހޯދުމުގައި ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.މިއީ އިޤްތިޞާދީގޮތުން ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.