މާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 80 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 
މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. 
މިއޮޕަރޭޝަނުގައި މަސްޖިދުލް ޒިކުރާއިން ފެށިގެން މާވެޔޮމަގާއި، އެ މަޤާގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި، މާފަންނު ގަޑިބުރު ސަރަހައްދުގައި ތިބި ބިދޭސީންގެ ތެރެއިން ސައްޚަ ލިޔެކިއުމެއް ނެތް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިއީ އިމިގްރޭޝަނުން މިފަދަ ގޮތަކަށް މިއަހަރު ހިންގި ފުރަތަމަ އޮޕަރޭޝަނެވެ. 
އިމިގްރޭޝަނުން ވިދާޅުވީ އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންގެ ތެރެއިން ސްކްރީން ކުރުމަށްފަހު، އޭގެ ތެރެއިން ވަކިމުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަންޖެހޭ ފަރާތް ފުރުވާލުމުގެ އިތުރުން، އެ ފަރާތްތައް ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއްވާނަމަ، އިމިގްރޭޝަން ޤާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެފަދަ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. 
		
			މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤަވައިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަކިވަކި ސަރަހައްދުތަކަކަށް ޖަމާވަމުން ދިއުމާއި ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނާއި އަދި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވެ ދިމާވާ އެކި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ބިދޭސީން ރާއްޖެގެނައުމުގައި ކަނޑައެޅިފައިވާ އުޞޫލުން ބޭރުން ކަންކަން ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ، އެކަމުގެ މަޢުލޫމާތު ޙިއްސާކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އިސްތިމާސްކުރައްވާފައެވެ.