ވިޔަފާރި

ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ދަރަނީގެ ވަނަވަރު ބަލާލެވޭނެ ނިޒާމެއް ތަޢާރަފްކޮށްފި


ކުންފުނިތަކާއި ފަރުދުންގެ ދަރަނީގެ ވަނަވަރު އަމިއްލައަށް ބަލާލެވޭނެ ނިޒާމެއް މަރުކަޒީ ބޭންކުން މިއަދު ރަސްމީކޮށް ތައާރަފްކޮށްފިއެވެ
އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް އެފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ ނުވަތަ ދަރަނީގެ ވަނަވަރު ބަލާލުމުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޞު އިސްމާޢިލް އެވެ. މިނިޒާމަކީ އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ، ސީއައިބީގެ ދަށުން ދެވޭ ހިދުމަތެކެވެ.
މީގެ އަށް އަހަރު ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ޤާއިމްކުރެވިގެންދިޔަ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ އިން މީގެ ކުރިން ކްރެޑިޓް ހިސްޓްރީގެ މައުލޫމާތު ހޯދެނީ ހަމައެކަނި ބޭންކްތަކަށެވެ. ނަމަވެސް މިހާރު ސީއައިބީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ފަރުދަކަށްވެސް އަދި ވިޔަފާރިއަކަށްވެސް އެފަރާތެއްގެ މާލީ ވަނަވަރު އޮންލައިން މެދުވެރިކޮށް އެދެވޭނެއެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާގޮތުން ވަނަވަރު ހަވާލު ކުރާނީ އެކަމަށް އެދޭ ފަރާތުން މަރުކަޒީ ބޭންކަށް ދިއުމުންނެވެ.

ސީއައިބީގެ ވެބްސައިޓް

ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ މި ނިޒާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، މި ޚިދުމަތާއެކު ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ވަރުގަދަ ވެގެން ދާނެކަމަށެވެ. މިއީ އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކާ މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނޭ އިތުރު ފަސޭހައެއްކަމަށް ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. ގަވަރުނަރު ވިދާޅުވީ، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ލޯނު ހޯދުމުގައި ދިމާވާ ދަތިތަށްކަމަށެވެ.

"
މިކަމަށް ހައްލެއް ހޯދުމަށް ގިނަ ޤައުމުތަކުގައި މިބޭނުންކުރަނީ ކްރެޑިޓް އިންފޮމޭޝަން ރަޖިސްޓްރީއެއް، ނުވަތަ ދަރަންޏާ ގުޅޭ ދަރަނީގެ ވަނަވަރެއް. ކޮންމެ ވިޔަފާރިއަކަށްވެސް އަދި ކޮންމެ ފަރުދަކަށްވެސް އެމީހެއްގެ އައިޑީކާޑު އައިޑީ ކާޑު މެދުވެރިކޮށް ދަރަނީގެ ވަނަވަރު [ކްރެޑިޓް ހިސްޓްރީ] ލިބުމުން ލޯނު ދޭ ފަރާތްތަކަށް ފަސޭހަކަމާއިއެކު އެނގިގެން އެބަދޭ ލޯނު މިދެވެނީ ރަގަނޅު ފަރާތަކަށްތޯ..
މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު

ގަވަރުނަރު ވިދާޅުވީ، ދަރަނީގެ ވަނަވަރު ބަލާލުމުގެ ނިޒާމެއް ޤާއިމްވުމުން ދަރަނި ދެއްކުމުގައި މުހިންމުކަން އިހުސާސްވެގެންދާނެކަމަށެވެ.
މިއަދު ތައާރަފްކުރި ނިޒާމުގެ ދަށުން އަދި ބަލާލެވޭނީ ހަމައެކަނި އަމިއްލަ ފަރުދުންގެ ނުވަތަ ކުންފުނިތަކުގެ ބޭންކުތަކުގެ ކްރެޑިޓް ހިސްޓްރީއެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި މި ޚިދުމަތް ބޭންކުތައް ނޫން އެހެން ތަންތަން ހިމެނޭހެން ފުޅާކުރާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިހާރު މިސިސްޓަމުގައި ހަމައެކަނި ބޭންކްތައް ހިމެނުކަމުގައިވީނަމަވެސް ކުރިއަށް އޮތްތަނުގައި ކަރަންޓާއި ފެނާއި ޔޫޓިލިޓީ ކުންފުނިތަކުގެ މައުލޫމާތުވެސް ހިމެނިގެންދާނެއެވެ. މުސްތަޤުބަލުގައި ދަރަނީގެ ވަނަވަރު ރިޕޯޓެއް ނަގާއިރު ފޯނު ބިލާއި ފެންބިލާއި ކްރެޑިޓް ކާޑުގެ މައުލޫމާތުތަކާ އަދި ލޯނެއް ނަގާފައިވާނަމަ، އެ ލޯނު އަދާކުރާ ގޮތް ރިޕޯޓުން ފެންނާނޭކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މަރުކަޒީ ބޭންކުގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއިން، ދަރަނީގެ ވަނަވަރު ބަލާލުމުގެ މި ނިޒާމް ޤާއިމްކޮށްފައިވަނީ، އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިންޓަރނޭޝަނަލް ފައިނޭންޝް ކޯޕަރޭޝަން (އައިއެފްސީ) އަދި ރާއްޖޭގެ ބޭންކްތައް ގުޅިގެންނެވެ.