ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އެނބުރި މާލެ ވަޑައިގެންނެވުމުން އެދެ ކަނބަލުންނަށް ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ނާއިބް ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުންނެވެ.
ރައީސް ޞާލިޙްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ އެ ޤައުމުގެ 71 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ޞާލިޙްގެ ދެ ކަނބަލުންނަށް ސްރީލަންކާއިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ސްރީލަންކާގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއޭޓުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޞާލިޙްގެ ދެކަނބަލުންނަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިދަތުރުފުޅުގައި ދެ ރައީސުންގެ ދެމެދުގައި ވަނީ ރަސްމީ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
މީގެއިތުރުން ރައީސް ޞާލިޙްގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސްގެ ދެކަނބަލުންގެ ފަަރާތްޕުޅުން ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.