ކުޅިވަރު

އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ 25ގަ


އެފްއޭއެމްގެ ކޮންގްރެސް އަންނަ މާޗު މަހުގެ 25 ވަނަ ދުވަހު ބާއްވަން އެއިދާރާއިން ނިންމައިފި. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމާފައިވާއިރު، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެފްއޭއެމްގެ މިހާރުގެ ލީޑާރޝިޕް ބަދަލްކުރުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަންނަނީ މަސައްކަތްކުރަމުން. ނަމަވެސް އެފްއޭއެމުން ނިއު ސަސްޕެންޑްކޮށްފައިވާތީ އެކަން ކުރެވޭނެ ގޮތް މިހާރުވަނީ ނުވެފަ. ނިއު ސަސްޕެންޑްކޮށްފައިވަނީ ސީނިއަރ ޓީމްގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ނުތީ އޮތުމުގެ ސަބަބުންކަމަށް ބުނެ. ނިއިން ބުނެފައިވަނީ އެޓީމް ސަސްޕެންޑްކޮށްފައިވަނީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް. އެގްޒެކެޓިވް ކޮމިޓީ އަށް އަލަށް އައްޔަންކުރި މެމްބަރުންގެ ނަންތައް ފާސްކުރުން މިކޮންގްރެސްގައި އޮންނާނެ. އެއީ އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމްގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު. އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ ފާސްކޮށްފައިވަނީ އެގްޒެކެޓިވް ކޮމިޓީން. ކްލަބަކުން ކަމެއް ހުށަހެޅިޔަސް އަހަރީ ކޮންގްރެސްގައި އެޖެންޑާ ކުރުމުގެ ފަހު ބަސް ބުނާނީ އެގްޒެކެޓިވް ކޮމިޓީން.