ވިޔަފާރި

ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް


ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދިނުމަށް ނިންމާފައިވާ " ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއީ ގޯލްޑް 100ގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ސްޕޮންސަރ ކުރި ފުރަތަމަ ފަހަރެވެ. އުރީދޫގެ ފަރާތުން ސްޕޮންސަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒެވެ. މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސިއީއޯ ޑރ. ހުސެއިން ސަނީ އުމަރު އެވެ.
މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެކެވެ.
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް މި ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާއިރު މި ލިސްޓަކީ މިއީ ޚާއްސަ ކޮންސަލްޓެންސީ ކޮމިޓީއަކުން ބެލުމަށްފަހު ނެރޭ ލިސްޓެކެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށް ވެސް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާކަމަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެއެވެ.
ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު މި އެވޯޑްގެ ޕްލެޓިނަމް ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ. މި އަހަރުގެ ގޯލްޑް 100 ހަފްލާ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.