ޚަބަރު

މައުމޫނުގެ ފަރާތުން ސަރުކާރަށް ޢައްޔަންކުރި ތިން މިނިސްޓަރުން ޕީޕީއެމްއިން ވަކިވެއްޖެ


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ސަރުކާރަށް ޢައްޔަން ކުރައްވާފައިވާ ތިން މިނިސްޓަރަކު ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.

ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް އެޕާޓީއަށް ސިޓީ ފޮނުއްވާފައިވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި ހައުސިން އެންޑް އަރބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު އަދި ރައީސް މަޢުމޫންގެ ދަރިކަނބަލުން އަދި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މަޢުމޫނެވެ.

މި ތިން މިނިސްޓަރުންވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފައި މިވަނީ ކުރީގެ ރައީސް މަޢުމޫނަށް ޕީޕީއެމް ޙަވާލު ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފައި ވަނިކޮށެވެ. ޕީޕީއެމްގެ ހިންގުން މިހާރު އޮތީ އެޕާޓީގެ ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަމަށް ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ކުރީގެ ރައީސް މަޢުމޫންވެސް ދާދިފަހުން ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.