ވިޔަފާރި

ވައިފައި ވަގަށް ބޭނުންކުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަނީ!


ވައިފައި ވަގަށް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލު ވިދާޅުވީ، ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރެވޭ ގޮތާ، އަދި އިންޓަރނެޓް ބޭނުންކުރުމުގައި ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ބެލުމަށް ކުރަމުންދިޔަ ދިރާސާތަކުން ވައިފައި ވަގަށް ބޭނުންކުރާ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ.
މިގޮތުން ގޭގޭގެ މީހުންނަށް ނޭގި އެހެން މީހުން ވައިފައި ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިރާސާތަކުން އެނގުނުގޮތުގައި މިކަން އެންމެބޮޑުކަމަސް ފާހަގަކުރެވިފައިވަނީ މާލެ ސަރަހައްދުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"
ވައިފައި ނަހަމަގޮތުގައި ބޭނުންކުރާ މީހުން އެކިކަހަލަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ވައިފައި ޕާސްވޯޑް ހޯދާ، އިންޓަރނެޓް ޕެކޭޖުތައް ބޭނުންކުރާ މައްސަލަ ސަމާލުކަމަށް ވަނީ އައިސްފައި. އެހެންވެ އަޅުގަނޑުމެން މިވަގުތު ޕްލޭންކޮށްފައިވަނީ މިފަދަ ކަންކަން ކޮންޓްރޯލްކުރުމަށް ޓެލެކޮމް އޮތޯރިޓީ އަދި އިންޓަރނެޓް ހިދުމަތްދޭ ފަރަތްތަކާއެކު މަސައްކަތްކުރަން.
ޓެކްނޮލިޖީ މިނިސްޓަރު މުޙައްމަދު މަލީޙް

މިނިސްޓަރ މަލީހް ވިދާޅުވީ އިންޓަރނެޓްގެ އަގުތައް ދަށްކުރުމާއި، ރައްކާތެރިކަން އިތުރުކުރުމާއި، ސައިބަރ ސެކިއުރިޓީއާއި، ޓެކްނޮލޮޖީ އަދި މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެހެން ބައެއް ކަންކަމާ ގުޅޭ ހަތަރު ޤާނޫނެއް ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓަރީއިން ކުރަމުންދާކަމަށެވެ.
މިކަމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 26 ޤައުމެއް ހިމެނޭހެން އެޤައުމުތަކުގައި އިންޓަރނެޓުގައި އަގުތައް ހުރި ގޮތާ، އެހެނިހެން ކަންކަމާބެހޭ ދިރާސާތަކެއް ކުރެވި މިހާރުވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓުގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކާ މިދިޔަ ހަފްތާގައި ހިއްސާކުރެވިފައިވާއިރު، އުއްމީދަކީ މި މަސައްކަތް ނިމިގެންދާއިރު، ރައްޔިތުންނަށާއި، އިންޓަރނެޓް ޚިދުމަތްދޭ ކުންފުނިތަކަށްވެސް އެންމެ ރަނގަޅުވާނޭގޮތަށް އަގުތައް ކަނޑައެޅިގެން ދިއުންކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.