ކުޅިވަރު

ކުޅުން ހުއްޓާލުމަށްފަހު ވާނީ ގޯލްކީޕަރު ކޯޗަކަށް - ކީޕަރު އިމްރާން


ކުޅުން ހުއްޓާލާފައި އޭނާ ވާނީ ގޯލްކީޕަރު ކޯޗަކަށް ކަމަށް ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

ސަތާރަ އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކީޕަރު މިހެން ބުނީ ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ. އިމްރާން ބުނީ އޭނާ ދެގޮތަކަށް ވިސްނި ކަމަށެވެ. އެއީ ޓީމް ކޯޗަކަށް ވުމަށާއި ގޯލްކީޕަރު ކޯޗަކަށްވުމަށް ކަމަށެވެ. މީގެ ތެރެއިން ކީޕަރު ކޯޗަކަށްވާން ނިންމީ އޭނާ އަކީ ގޯލްކީޕަރަކަށްވެފައި ދިވެހި ކީޕަރުން އުފައްދަން ބޭނުންވާތީއެވެ. އިމްރާން ބުނީ ރާއްޖޭގައި ކީޕަރުން ނެތްކަމަށާއި، އެހެންކަމުން އޭނާއަށްވެސް ކަމެއް ކޮށްދެވުނު ކަމަށްވާނީ އުފެއްދުމުންކަމަށެވެ.

ކްލަބް އީގަލްސްއިން ކްލަބު ކެރިއަރު ފެށި އިމްރާން ވަނީ ވިކްޓަރީ އާއި ނިއު އަށް ގިނަ ދުވަސްތަކެއްގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ފަހުން ވީބީ އާއި މާޒިޔާގައި ވެސް އޭނާ ކާމިޔާބު ހޯދިއެވެ. ގައުމީ ޓީމަށް 2017 ވަނަ އަހަރު ކުޅުން ހުއްޓާލި ނަމަވެސް އުމުރުން މިހާރު 40 އަހަރުގެ ކީޕަރު ވަނީ އަދި ދެ ސީޒަނެއްގައި ކުލަބު ލެވެލްގައި ކުޅެން ނިންމާފައެވެ.