ޚަބަރު

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ 45 މައްސަލައެއް އެޗްއާރްސީއެމް ބަލައިފި


މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ 45 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއިން ތަޙްޤީޤު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2007ވަނަ އަހަރުން ފެށިގެން 2108ވަނަ އަހަރުގެ ނިޔަލާއި ހަމައަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ އަނިޔާވެރިގޮތަކަށް މަރާފައިވާ ނުވަތަ ނިޔައުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާ ތަފާތު މައްސަލަތަކެއް އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ ކަމަށެވެ.

އެގޮތުން މަރުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ހުށައަޅާފައިވާ 16 މައްސަލައާއި، އެޗްއާރްސީއެމްއިން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަޙްޤީޤު އެ ކޮމިޝަނުން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްއިން ބުނީ އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ މައްސަލައަކާއި، ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 5 ފަރާތެއްގެ މައްސަލައާއި، މިނިވަންކަން ގެއްލޭގޮތައް ދައުލަތުގެ ބެލުމުގެދަށުގައި ހުއްޓާ ނިޔައިވެފައިވާ 28 ފަރާތެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔައުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 17 ފަރާތެއްގެ މައްސަލައާއި، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ދެ ފަރާތެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ދެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްއިން ބުނީ ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ދެވިފައިވާ ކަމަށެވެ. އަދި 8 މައްސަލައެއްގައި ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި
މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ގަވައިދުން އެ ކޮމިޝަނުން ބަލަމުންދާ ކަމަށްވެސް އެޗްއާރްސީއެމްއިން ބުނެއެވެ.

އެޗްއާރްސީއެމްއިން ބެލި މައްސަލަތަކުގެ ތެރެއިން 23 މައްސަލައެއްގައި އިޙުމާލެއް ނުވާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް 7 މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާއިން ފިޔަވަޅުއެޅުމުން އެ މައްސަލަތައްވެސް ތަޙްޤީޤުކޮށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ކުޑަ ކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވުމުން އެ މައްސަލަވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި ފުލުހުން ކުރިޔަށްގެންދިޔަ ތަޙުޤީޤުގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަޙުޤީޤު ނިންމާފައިވާ ކަމަށެވެ.

އެޗްއާރްސީއެމްއިން ބުނީ ވީގޮތެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ ދެ މީހެއްގެ މައްސަލައިގައި ކަމާގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާކަން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލަތަކުގައި ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނެތުމުން އެ ދެ މައްސަލަ ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދެ މައްސަލައެއްގައި އިހުމާލުވެފައިވާކަމަށް އެ ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާއެކު، އެފަރާތްތަކާއި މެދު ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ 2007 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި އިހުމާލުގެ ސަބަބުން ނިޔައިވެފައިވާ 8 މީހުންގެ މަރުގެ މައްސަލައިގެ ތަހުޤީޤު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.