ވިޔަފާރި

ޖެނުއަރީމަހު ސަރުކާރުން ކުރި ޚަރަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެއްޖެ


ހުސްވި ޖެނުއަރީމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ދައުލަތަށް މިދިޔަމަހު ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ތިންވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ޙަރަދުތަކާއި ލިބުނު އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ. މި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުންވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން އިދާރީ ޙަރަދުތަކަށާއި، އިންޓްރެސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއާއި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ފައިނޭންސްކުރުމަށް ސަރުކާރުންވަނީ އެމުއްދަތުގައި ބޮޑު ހޭދައެއްކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުން އެންމެބޮޑަށް ކުރި ހޭދައިގެ ގޮތުގައި ހިމެނެނީ، ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 767.7 މިލިއަން ރުފިޔާ، އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް ހަރަދުކުރި 331.7 މިލިއަން ރުފިޔާއެވެ.
ސަރުކާރަށް މިއަހަރުގެ ޖެނުއަރީމަހު 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެތެރެއިން 1.1 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 434.2 މިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 282 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި 424.1 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 57.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 48.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތުން ކޮށްފައިވާ ޙަރަދު ލިބުނު އާމްދަނީއަށްވުރެ ދަށްވުމާއިއެކު ޖެނުއަރީމަސް ނިންމާލާފައިވަނީ 351.1 މިލިއަން ރުފިޔާގެ ސަރޕްލަސްއަކާއިއެކުއެވެ.