ޚަބަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ދެ ނައިބުން ޢައްޔަން ކުރައްވައިފި


މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ދެ ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަޤާމަށް ނ. ފޮއްދޫ އާޝީޔާމަންޒިލް އިސްމާޢީލް ޒަބީޙާއި ގަލޮޅު މަންބަޢުގެ ޢާއިޝަތު ޝަފިނާ ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.

އިސްމާޢީލް ޒަބީޙަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޒަބީޙަކީ މަންދު ކޮލެޖްގައި ލެކްޗަރަރ ގެ މަޤާމާއި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖިން ޑިރެކްޓަރުކަމާއި، ވިލެޖް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި މާކެޓިން މެނޭޖަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒަބީޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސީނިއަރ ރިސަރޗް އޮފިސަރގެ މަޤާމްވެސް ފުރުއްވާފައެވެ.

ޢާއިޝަތު ޝަފިނާއަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯ އިން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އެކަމަނާ ދަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑެނިޔާ އިން ޕީ.އެޗް.ޑީ އިން ސޯޝިއޮލޮޖީ އަށް ކިޔަވާ ވިދާޅުވަމުންނެވެ. ޝަފިނާ ވަނީ އެޑިއުކޭޝަން ފަސްޓް މޯލްޑިވްސްގައި ކޮންސަލްޓަންޓް، ރީޖަނަލް މެނޭޖަރ ކަމާއި، މަންދުކޮލެޖްގައި ބިއުރޯ ޗީފްގެ މަޤާމުވެސް އަދާކުރައްވާފައެވެ.