ޚަބަރު

ވިލާ ކޮލެޖުގެ ބައެއް ދަރިވަރުންނަށް ޔުނިވަރސަލްގެ ރިސޯޓްތަކުގައި އަމަލީ ތަޖްރިބާ ހޯދުމުގެ ފުރުޞަތު


ހޮސްޕިޓޭލިޓީ ދާއިރާއިން މީހުން ތަމްރީންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖުން ޔުނިވަރސަލް ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޑިސްކަވަރ ހޮސްޕިޓޭލިޓީ ޕްރޮގްރާމަކީ ޔުނިވަރސަލް އިން ސްޕޮންސަރކޮށްގެން ހިލޭ ކިޔެވުމަށް ހުޅުވާލާ ޕްރޮގްރާމެއް ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއެވެ. މިޕްރޮގްރާމްގެ ތިއަރީ ބައިތައް ވިލާ ކޮލެޖުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގްރާމްގެ ޢަމަލީ ބައިތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނިވަރސަލްގެ ރިސޯޓުތަކުގައެވެ.

ހަތަރު މަސްދުވަހަށް ހިންގާ މިޕްރޮގްރާމްގައި އަސާސީ ތަޢުލީމު ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު މި ޕްރޮގްރާމްގައި ބައިވެރިވާ ބައިވެރިންނަށް ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ޔުނިވަރސަލްގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަޙީދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަޙްމަދު އަންވަރެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އަޙުމަދު އިޔާޒް ވިދާޅުވީ މިއީ މުހިންމު ޕްރޮގްރާމެއްކަމަށާއި ރާއްޖޭގައި ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަމްރީންތައް ތަޢުލީމީ މަންހަޖުގެ ތެރެއިން މިހާރު ދެމުންދިޔަ ނަމަވެސް، މިދާއިރާގައި ތިބި މީހުނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށަން ޖެހިފައިވާކަމަށެވެ.
އަޑު:
ޖޫން މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ބައިވެރިވުމަށް މާރޗު މަހުގެ 30 ހުގެ ކުރިން ފޯމް ހުށައެޅުމަށް ވިލާ ކޮލެޖުން އެދެއެވެ. 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި މިހާތަނަށް 40 ހަށްވުރެ ގިނަ ދަރިވަރުންވަނީ ތަމްރީނުކޮށްފައެވެ.