ޚަބަރު

ވާދަކުރާ ދާއިރާތައް މަދުވިޔަސް، ދޫދޭން ނިންމައިފިން - ޢަދާލަތު


ކޯލިޝަން ސަރުކާރުން ޢަދާލަތު ޕާޓީއަށް ހައްޤުވާ މިންވަރު މަދުވިނަމަވެސް ޤައުމާއި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގައި ދޫދީގެން ކުރިއަށްދާން ނިންމާފައިވާ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

އެޕާޓީންބުނީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތަށްޓަކައި ރައީސް ޞާލިހްގެ ވެރިކަމުގެ ދައުރު ފުރިހަމަކުރުމަށްޓަކައި، ކޯލިޝަން ޕާޓީތައް އެކުގައި ދެމިތިބުމަކީ އެޕާޓީން އަބަދުވެސް ގެންގުޅޭ ވިސްނުން ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ކޯލިޝަން އެކުގައި ވާދަކުރުމާމެދު ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދުނު ނަމަވެސް އެކަން ހައްލުކޮށް ޕާޓީތައް ގުޅިގެން ވާދަކުރުމަށް އެޕާޓީން ބާރުއެޅިކަމަށްވެސް ޢަދާލަތުން ބުނެއެވެ.

މަޖިލިސް އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރަން ކުރިން ވެފައިވާ އެއްބަސްވުމުގައި ޢާދާލަތު ޕާޓީއަށް 13 ދާއިރާއެއް ދޭން ނިންމި ނަމަވެސް ޤައުމާއި ރައްޔިތުންގެ ހައްޤުގައި އެޕާޓީއަށް ހައްޤު މިންވަރު ދޫކޮށްލުމަށްފަހު އެމްޑީޕީއާ ގުޅިގެން ދެޕާޓީން ވާދަކުރުމަށް ޚިޔާލު ހުށަހަޅާފައިވާކަމަށް ޢަދާލަތުން ވަނީ ބުނެފައެވެ.

ބައެއް ދާއިރާތައް ދޫކޮށްލުމުން އެ ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންގެ މެދުގައި ހިތްހަމަ ނުޖެހުން ހުރިނަމަވެސް ވާދަވެރިކަމަށްވުރެބޮޑަށް އިސްކަން ދޭންޖެހޭނީ ޤައުމުގެ ހަމަޖެހުމަށް ކަމަށް އެޕާޓީން ދެކޭކަމަށެވެ. އެގޮތުން އެމްޑީޕީ ފިޔަވައި އަނެއް ދެޕާޓީއާއެކުވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް އަދި އެފަދަ ބައްދަލުވުމަކާހަމައަށް ދެވިފައިނުވާ ކަމަށްވެސް އަދާލަތުން ބުނެއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން އެކުގައި ވާދަކުރަން އަދާލަތުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މިހާރު ވަނީ ނިންމާފައެވެ.