ޚަބަރު

އާ މާސްޓަރ ޕްލޭނާއިއެކު އެއަރޕޯޓުގެ ޖާގަ ތިން ގުނަ ބޮޑުކުރަނީ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އެއަރޕޯޓްގެ ޖާގަ ތިންގުނައަށް އިތުރުވެ އަހަރަކު ހަތް މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދުސައީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ އެއަރޕޯޓް ދެވަނަ ރަންވޭއާއިއެކު ތަރައްގީކުރެވޭނެ ގޮތުގެ ތަފްސީލް މީޑިއާއާއި ހިއްސާކުރައްވަމުންނެވެ.އެއަރޕޯޓް ތަރައްގީކުރެވޭއިރު، ޒަމާނީ ޓެކްސީވޭއަކާއި، ނުވަ އެއިރޮ ބްރިޖް ނުވަތަ ޓަރމިނަލްއާއި މަތިންދާ ބޯޓް ގުޅުވައިދޭ ބްރިޖް ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ކުރިން ދެކެވެމުންއައީ އެއަރޕޯޓްގެ ރަންވޭ އެކަނި ތައްގީކުރާނެކަމުގެ ވާހަކަތައް ނަމަވެސް ދެވަނަ ރަންވޭއާއިއެކު ތަރައްގީކުރާ އެއަރޕޯޓަކީ މުޅިން އާ އެއަރޕޯޓެއްކަމަށެވެ. އަދި ފިއުލް ނުވަތަ ތެޔޮ ފަރމެއްގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ރަންވޭ ފެންވަރު ރަނގަޅުކޮށް އެތަށް ގުނައެއް ބޮޑުކޮށް ހަތް މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެ ޖާގަ އިތުރުކުރެވޭކަން މިނިސްޓަރ ފާހަގކުރެއްވިއެވެ.އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން. އެގޮތުން ޗައިނާގެ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕުން ތަރައްގިކުރާނީ ދެވަނަ ރަންވޭ އާއި، ފިއުލް ފަރމްގެ އިތުރުން ކާގޯ ޓަރމިނަލްއާއި، އޭޕްރަން ބޮޑުކުރުންކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތުގެ ހުރިހާކަމެއްނިމި މިހާރު ބެންކަށް ހުށައަޅަފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.ދެވަނަ ބައެއްގެ ގޮތުގައި ތަރައްގީކުރާ ދެވަނަ ރަންވޭގެ މަސައްކަތް ކުރިއަށްގެންދާނީ  ޖަޕާންގެ ތައިސޭ ކުންފުނިންނެވެ. ދެވަނަ އެއަރޕޯޓް ތަރައްގީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސްއާއެވެ. މި ރަންވޭ އައުމުން މިހާރުގެ ރަންވޭގެ މައްސަލަތަކަށް ހައްލެއް ލިބި ރައްޔިތުންނާއި، ފަތުރުވެރިން އަދި އިންވެސްޓަރުންގެ ކަންބޮޑުވުންތަކަށްވެސް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެއަރޕޯޓް ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް ސަރުކާރުން ލަފާކޮށްފައިވަނީ ދެހާސް ސަތާރަވަނަ އަހަރަށެވެ.މުޅި އެއަރޕޯޓްގެ ތަރައްގީއަށް ހަތްސަތޭކަ މިލިއަން ޑޮލަރު ސަރުކާރުން އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.މިނިސްޓަރ ސައީދު ވިދާޅުވީ،ދެހާސް ސަތާރަވަނަ އަހަރު އެމްއޭސީއެލްއަށް 6.3 ބިލިއަން ރުފިޔާ ނުވަތަ 411 މިލިއަން ޑޮލަރު ވަންނާނެކަމަށެވެ. އަދި ދެހާސް އެކާވީސްވަނަ އަހަރު 7.8 ބިލިއަން ރުފިޔާ ނުވަތަ 509 މިލިއަން ޑޮލަރު ވަންނާނެކަމަށެވެ.އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް މިހާރު ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާންނާނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.