ޚަބަރު

ޕުޓިން، ރޫޙާނީ އަދި އުރުދުޣާން މި މަހު ސޯޗީގައި ބައްދަލުކުރައްވާނެކަން އިޢުލާންކޮށްފި


ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ތުރުކީވިލާތާއި އީރާނުގެ ރައީސުންނާ މިމަހުގެ 14 ވަނަ ދުވަހު ރަޝިޔާގެ ރިޒޯޓް ރަށެއް ކަމަށްވާ ސޯޗީގައި ބައްދަލުކުރައްވާނެކަމަށް ރަޝިޔާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާނާއި އީރާނުގެ ރައީސް ހަސަން ރޫހާނީއާއެކު ޕުޓިން ބާއްވަވާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރަޝިޔާގެ މީޑިއާއިން އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ހުސްވިމަހު ޕުޓިން ވިދާޅުވެފައިވަނީ، ސޫރިޔާގެ މައްސަލައިގައި ދެ ޤައުމާއެކު މަޝްވަރާކުރުމަށް ނިންމަވާފައިވާކަމަށެވެ.

ސޫރިޔާގެ އުތުރުގައި ތުރުކީވިލާތުން ރައްކާތެރި ސަރަހައްދެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާއިރު، ތިން ޤައުމުގެ ލީޑަރުން މިކަމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވާނެކަމަށް ބެލެވެއެވެ.

ތުރުކީވިލާތާއި، ރަޝިޔާ އަދި އީރާނުން މީގެ ކުރިންވެސް ވަނީ ސޫރިޔާގެ މައްސަލައިގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ޤައުމުތަކުން ބުނެފައިވަނީ ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި އަދި ސިޔާސީ ހައްލެއް ހޯދަން ބޭނުންވާކަމަށެވެ.

އެހެންނަމަވެސް ރަޝިޔާ އާއި އީރާނުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާއިރު ތުރުކީވިލާތުން ބޭނުންވަނީ އަސަދު ވެރިކަމުން ބޭލުމަށެވެ.