ވިޔަފާރި

"ޓްރޭޑް މާކެޓް ފެސްޓިވަލް" ގެ ނަމުގައި ހުޅުމާލޭގައި ޓްރޭޑް ފެއަރއެއް ބާއްވަނީ


ޓްރޭޑް މާކެޓް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ޓްރޭޑް ފެއަރައެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޓްރޭޑް މާކެޓް އިންތިޒާމްކުރާ "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމަންޓް" އިން މައުލޫމާތުދޭގޮތުގައި މި ޓްރޭޑް ފެއަރ އޮންނާނީ މާރޗް މަހުގެ 26 އިން އެޕްރީލް 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ.

މި ޓްރޭޑް ފެއަރގައި އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް ޓްރޭޑް ފެއަރ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ޖާދޫހަދާމީހުންނާއި، ކޮމޭޑިއަންސް އަދި ޖާދޫހަދާމީހުން ހަރަކާތްތައް ހުށައަޅާދޭނެއެވެ. މީގެއިތުރުން ރައްޔިތުންގެ ހޭލުންތެރިކަމަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކުގެ ސްޓޯލްތައް ފެއަރގައި ހުންނާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ޓްރޭޑް ފެއަރ އިންތިޒާމްކުރާ "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމަންޓް" އިން ބުނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އަގުހެޔޮކޮށް ވިޔަފާރިކުރުމުގެ އިތުރުން، ރޯދަމަހަށް ޙާއްސަކޮށް މުދާ ލިބޭނެ ހަރަކާތެއް ބޭއްވުންކަމަށެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކޮށް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރުމަކީވެސް މިހަރަކާތުގެ އަމާޒެކެވެ.

ސްޓްރައިވްއިން މައުލޫމާތުދޭ ގޮތުގައި މި ހަރަކާތުން ލިބޭ ފައިދާގެ ވަކި އިންސައްތައެއް ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ. މި ފެއަރވަނީ އިކޮނޮމިކް މިނިސްޓްރީއާއި ހައުސިންގ ޑިވެލިޕްމަންޓް ކޯޕަރޭޝަނުން އެންޑޯޒްވެސް ކޮށްފައެވެ.