ޚަބަރު

އިންޑިޔާގެ ބަޖެޓު: ދަނޑުވެރިންނަށް ޚާއްޞަ އިނާޔަތްތަކެއް


ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މިވަނީ އެގައުމުގެ ދަނޑުވެރިންނާއި މެދުފަންތީގެ ރައްޔިތުންނަށް ލުއިގޮތްތައް ހޯދައިދެވިދާނެފަދަ ފިޔަވަޅުތަކެއް ހިމަނާފައެވެ.

ހުކުރު ދުވަހު ހުށަހެޅި މި ބަޖެޓަކީ އަންނަ އަހަރު އިންޑިއާގައި ބާއްވާ ޢާއްމު އިންތިޚާބުގެ ކުރިން މޯދީގެ ސަރުކާރުން ހުށަހަޅާނެ އެންމެ ފަހު ބަޖެޓެވެ. ޚާއްޞަގޮތެއްގައި އެގައުމުގެ ދަނޑުވެރިންގެ ވިޔަފާރި ދަށަށް ދިއުމުގެ ސަބަބުން ދަނޑުވެރިންގެ ގިނަ ބަޔަކު މިވަނީ މޯދީގެ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަދި މޯދީގެ ވެރިކަމުގައި އިންޑިއާގެ ވަޒީފާގެ ބާޒާރަށް އައި ހީނަރުކަމުގެ ސަބަބުން ،މިކަމާމެދުވެސް ރައްޔިތުންގެ މެދުގައި މިވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. އަންނަ އަހަރުގެ މޭއި މަހު ޢާއްމު އިންތިޚާބު ބާއްވާނެކަމަށް ބެލެވޭއިރު ޤާނޫނު ހަދާ މަޖިލީހުގައި މިހާރު ބީ.ޖޭ.ޕީއަށް ލިބިފައިވާ އަޣުލަބިއްޔަތު ގެއްލުމަކީ އެކަށިގެންވާ ކަމެއްކަމަށް އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި، އިންޑިއާގެ ސަރުކާރުން މިވަނީ އިންތިޚާބުގެ ކުރިން ސަރުކާރުން އެކުލަވާލާނެ އެންމެ ފަހު ބަޖެޓް އެކުލަވާލުމުގައި ދުރާލާ ވިސްނާ، ސަރުކާރާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް، ބަޖެޓުގައި ހިމަނާފައެވެ.

މޯދީގެ ސަރުކާރުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ހުށަހެޅި މި ބަޖެޓްގައި މިވަނީ ފަޤީރު ދަނޑުވެރިންނަށް އެހީވުމަށް ދިހައެއް ޕޮއިންޓް ހައެއް ބިލިއަން ޑޮލަރު އެކަށައަޅާފައެވެ. އެ ގޮތުން، އިންޑިއާގައި ދިރިއުޅޭ ސަތޭކަ ވިހި މިލިއަން ދަނޑުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ހަ ހާސް ރުޕީސްގެ އިނާޔަތެއް ދިނުމަށް ބަޖެޓުގައި ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، އިންޑިއާގެ ރަށްފުށު ސަރަޙައްދުތައް ކުރިއެރުމަށް އިތުރު ޚަރަދުކުރުމަށް ވެސް އިންޑިއާގެ ބަޖެޓްގައި ހިމަނާފައިވެއެވެ. އެ ގޮތުން، ރަށްފުށު ހިސާބުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އެ ސަރަހައްދުތަކަށް ޢުމްރާނީ ތަރައްޤީ ގެނައުމަށްވެސް ސަރުކާރުގެ ބަޖެޓްގައި ފައިސާ އެކަށައަޅާފައިވެއެވެ. އަދި މި ބަޖެޓުގައިވަނީ، މެދު ފަންތީގެ މަސައްކަތްތެރިންގެ އަތުން ޓެކްސް ނެގުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ.