ކުޅިވަރު

ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ފުވައްމުލަކުގައި ބާއްވާ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށްދާނީ 5 ދުވަހުގެ މުއްދަތަކަށެވެ. އެއީ މާޗް 24އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

އެތްލެޓިކްސް އެސޯސިއެޝަނުންވަނީ މި މުބާރާތުގައި 8 ޢުމުރުފުރާއަކުން 102 އިވެންޓް ބާއްވަން ނިންމާފައެވެ. ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުންތެރިން ވާދަކުރާ އުމުރުފުރާތަކަކީ 13 އަހަރުންދަށް، 15 އަހަރުންދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް ހަތް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް ފަސް ހާސް ރުފިޔާ އަދި ތިންވަނަ ޓީމަށް ތިން ހާސް ރުފިޔާގެ ދިނުމަށްވަނީ ނިންމާފައެވެ.

މިއަދު ފުވައްމުލަކު ކައުންސިލާއި އެތްލެޓިކްސް އެސޯސިއެޝަންގެ މެމްބަރުންނާއި ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރު ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ހަރަކާތާ ގުޅުވައިގެން މި މުބާރާތުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ނުކުރުމަށް ވީހާވެސް ބޮޑަކަށް ބާރުއަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން މި މުބާރާތް ވީހާވެސް ކާމިޔާބުކަމާއެކު ނިންމާލުމަށް ކައުސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ވެސް ޟިރާރު ވިދާޅުވިއެވެ.