ކެންސަރު ބައްޔާއި އެބަލީގެ ނުރައްކާތެރިކަން އެނގިހުރި އެކަމަށް ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރަމުން ނުދާތީ އެކަމާ ހިތާމަކުރައްވާކަމަށް އައިޖީއެމްއެޗްގެ އޮންކޮލޮޖިސްޓް ޑރ މުހަންމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ކެންސަރ ސްކްރީނިން ހެދުމަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ބެހޭ މައުލޫމާތުދިނުމަށް ޑްކޮޓަރުންނާއި ނަރުހުންނަށް އައިޖީއެމްއެޗްގައި މިއަދު ކުރިއަށްގެންދިޔަ "ސީ.އެމް.އީ ޓު މާކް ވޯލްޑް ކެންސަރ ޑޭ" ފެށުމުގެ ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން
ޝިފާން ވިދާޅުވީ ކޮންމެ މީހަކުވެސް އަމިއްލަ ފަރުދީ ޒިންމާ ނަގާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ޝިފާން ވިދާޅުވީ ކެންސަރު ބަލިން ރައްކާތެރިވެ ތިބުމަށް ހެލިފެލިވެ އުޅެންޖެހޭ ކަމަށެވެ.
އެގޮތުން ކަސްރަތުކުރުމާއި ދުފާއެއްޗެއްސާއި ސިނގިރޭޓު ބުއިމުން ދުރުުހެލިވުމަށް ޑރ ޝިފާން ވަނީ ނަސޭހަތްތެރިވެވަޑައިގަތެވެ.
ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދެއްވާފައިވަނީ ކަމުގެ ތަޖުރިބާކާރުންނެވެ. އަދި މި ސެޝަންގައި އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލް، އަދި ހުޅުމާލެ ހޮސްޕިޓަލްގެ ޑްކޮޓަރުންނާއި ނަރުހުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޑރ ޝިފާން ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންނަށް މިފަދަ ސެޝަންއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ ބަލިމީހުންނާއި އެންމެ ކުރިން ބައްދަލުވާ ފަރާތްތަކަކީ އެމީހުން ކަމުގައި ވާތީ ކަމަށެވެ. އެގޮތުން މިއަދުގެ ސެޝަންގައި އުރަމައްޗައް ޖެހޭ ކެންސަރު ބައްޔާއި ރަހިމުގެ ދޮރައް ޖެހޭ ކެންސަރުބަލީގެ އިތުރުން އަނގައިގެ ކެންސަރު ބަލީގެ ސްކްރީންނިންގ އާއި ބެހޭ މައުލޫމާތު ވަނީ ދީފައިވެއެވެ.
މި ސެޝަންއަކީ ކެންސަރ ސޮސައިޓީއާއި އައިޖީއެމްއެޗް ކުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.