ވިޔަފާރި

ވާދަވެރި ބޭރުގެ ކުންފުނިތަކާ އެއްހަމައަކަށް ފެލިވަރު މަސްފެކްޓްރީ ގެންނަން ޖެހޭ


ދުނިޔޭގެ މަސްވެރިކަމުގެ ދާއިރާއާ އެއް ހަމައަކަށް އެރުމަށްޓަކައި ފެލިވަރު މަސްފެކްޓްރީން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިފްކޯގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.
ފެލިވަރު މަސް ފެކްޓްރީއަށް 41 އަހަރު ފުރުން ފާހަގަކުރުމަށް ފެލިވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް ވާދަވެރި ސިނާއަތެއްކަމަށެވެ. އެހެންކަމުން މިފްކޯ އަދި ފެލިވަރު ފަދަ ކުންފުނިތަކުން ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުން މުހިއްމުކަމަށް ފައުޒީ ވިދާޅުވިއެވެ.

"
މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ ވަރަށްވެސް ވާދަވެރި މާހައުލެއްގައި. ސަބަބަކީ ދުނިޔޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރާފައިވުމާއެކު ރާއްޖޭގެ މިއިންޑަސްޓްރީއަށް އެތަކެއް ކުންފުނިތަކެއް ނުކުމެފައިވުން. އެހެންކަމުން މިވާދަވެރި ސިނާއަތުގައި ފައިހަމަކުރުމަށް ކުރިމަގުގައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ
މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ

ފައުޒީ ވިދާޅުވީ، ފެލިވަރު މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރުކޮށް ތަން އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މިފްކޯ އަދި ފެލިވަރު ހިންގުމަށްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ފައުޒީ ވިދާޅުވީ،. ފެލިވަރު ކާރުހާނާގެ އޮޕަރޭޝަންތައް ފުޅާކޮށް ޒަމާނާ އެއްގޮތަށް ތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަކީ، ތަނުގެ މުވައްޒަފުންނާއި ޅ އަތޮޅުގެ ރައްޔިތުންވެސް ކުރާ އުންމީދެއްކަމަށެވެ. އަދި ވަކިން ހާއްސަކޮށް އުތުރުގެ މަސްވެރިންގެވެސް ވަރަށްބޮޑު އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފައުޒީ ވިދާޅުވީ 50 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭ ފެލިވަރު މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ފެކްޓްރީއަށް އުމްރާނީ ތަރައްޤީގެ އިތުރުން ތަނުގެ މުވައްޒަފުން ބިނާކޮށް ޓްރެނިއިން ކުރަންޖެހޭކަންވެސް ފައުޒީ ވަނީ ފާހަގަކުރައްވާފައެވެ. މި ހުރިހާކަމެއްގައި ފެކްޓްރީގެ މުވައްޒަފުންނާއި މެނޭޖްމަންޓު ގުޅިގެން މަސައްކަތްކުރުމަށް ފައުޒީ ވަނީ އެދިވަޑައިގަންނަވާފައެވެ.