ޚަބަރު

މަޖިލީހުގެ އިންތިޚާބާގުޅޭގޮތުން އެމްޑީޕީއާއި ޢަދާލަތު ޕާޓީން މަޝްވަރާކޮށްފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ގުޅޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާއި ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން މަޝްވަރާކޮށްފިއެވެ.

ކުއްލިގޮތަކަށް މިރޭ އެމްޑީޕީ އޮފީހުގައި ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނެވީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުއާއި ޗެއަޕާރސަން ޙަސަން ލަޠީފެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިސަރުކާރުގެ ހޯމް މިނިސްޓަރު އަދި ޢަދާލަތުޕާޓީގެ ރައީސް އިމްރާން ޢަބްދުﷲއާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ގުޅޭގޮތުން ދެޕާޓިން މަޝްވަރާކޮށްފައިމިވަނީ، މަޖިލިސް އިންތިޚާބުގައި ވާދަކުރުމާމެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނިކޮށެވެ. އެކަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ދެފަރާތުންވެސް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.

އެމްޑީޕީން ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ކޯލިޝަން ޕާޓީތަކާ ވަކިންކަމަށެވެ. އެކާމާ ހިތްޕުޅުހަމަނުޖެހި ޖުމްހޫރީ ޕާޓިންވަނީ އެޕާޓީއާއެކު މަޖިލިސް އިންތިޚާބަށް ކޯލިޝަންހަދަން ތައްޔާރަށްތިބި ކޮންމެބަޔަކާއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީން މަޝްވަރާކޮށްފައިވާއިރު، ޢާންމު އިންތީޚާބުގައި އެމްޑީޕީން 86 ދާއިރާއަށް އަދި އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރާނެކަން ވަނީ އިޢުލާންކޮށްފައެވެ.