ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމްތަކުން މިދިޔަ އަހަރު 415 މިލިއަން ޑޮލަރު ނެގި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ހުސްވިއަހަރު އަހަރު 415 މިލިއަން ޑޮލަރު ނެގިކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ނެރެފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ އޭޓީއެމްތަކުން އެކި ބޭނުންތަކަށް 415 މިލިއަން ޑޮލަރު ނަގާފައިވެއެވެ. މިއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިރު 115 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. 2017 ވަނަ އަހަރު ބީއެމްއެލްގެ އޭޓީއެމްތަކުން ނަގާފައިވަނީ 300 މިލިއަން ޑޮލަރެވެ.

ފާއިތުވި އަހަރުތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރި 87,432 ދިވެހިންނަށް ބީއެމްއެލްއިން ވަނީ، 42.7 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދަށްވުމެކެވެ. ބީއެމްއެލްއިން 2017 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި، ދިވެހިންނަށް ވިއްކި ޑޮލަރުގެ އަދަދު އުޅެނީ 48.2 މިލިއަން ޑޮލަރުގައެވެ.

ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކޮށްފައިވާ ޓްރާންސެކްޝަންތަކުގެ ޖުމްލަ އަދަދު 222 މިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން މި ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ދިވެހިން ކުރި ހޭދަ 264.7 މިލިއަން ޑޮލަރަށް އަރާނޭކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 500 ޑޮލަރު ވިއްކަމުންނެވެ.