ޚަބަރު

އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމަށް އަންނަ ހަފްތާގައި އީސީއަށް ހުށައަޅަން ނިންމައިފި


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި މައުމޫން ރިފޯރމް މޫވަންޓް އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމަށް އަންނަ ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އެމްއާރްއެމް އިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައޫލޫމާތު ދެއްވަމުން އެމްއެމްއާރްއެމް އިން ވިދާޅުވީ، އެމްއާރްއެމް ސިޔާސީ ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމަށް ކޯޓުން ސާފުކުރަން ޖެހޭ ކަމެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށް އަންނަ ހަފުތާގައި އީސީއަށް ހުށަހަޅާނެ ކަމަށެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ނިންމިކަން ރައީސް މައުމޫން އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ރައީސް މައުމޫން ވިދާޅުވެފައި ވަނީ އިތުރު ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށީ ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ނިމޭނެ ދުވަހަކާއި އެ މައްސަލަ ނިމޭނެ ގޮތެއް އެނގިވަޑައި ނުގަންނަވާތީ ސިޔާސީ ހަރަކާތްތައް މަޑު ޖައްސާލަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

"އިރާދަކުރެއްވިޔާ، ޤާނޫނުގައި ބުނާ އަދަދަށް މީހުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އަދި ގަވާއިދު ތަންދޭ ގޮތެއްގެ މަތިން ވަރަށް އަވަހަށް ޕާޓީ ރަޖިސްޓަރީ ކޮށް ނިމޭނެ." މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން 108 ފަރާތަކުން ވަނީ އެކަމަށް ކުރިމަތިލައްވާފައެވެ. އެހެން ނަމަވެސް ރައީސް މައުމޫންގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމާފައި ވަނީ 32 ދާއިރާ އަކަށެވެ.