ކުޅިވަރު

ދީމާގެ ރަން މެޑަލްއަކީ ޓީޓީއަށް ލިބުނު ކުރިއެރުމެއް - ސުޖާޢު


އޭޝިޔާގެ ހޯޕްސް މުބާރާތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދުމަކީ ރާއްޖޭގެ ޓީޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން ބުނެފި.
ސައުތު އޭޝިއަން ހޯޕްސް ޗެލެންޖްގައި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ރަން މެޑައްޔެއް ހޯދާފައިވަނީ މުބާރާތުގައި ދީމާ ކުޅުނު އެއްވެސް މެޗްއަކުން ބަލިނުވެ. އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މި މުބާރާތަކީ 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ޙާއްސަ ކޮށްގެން ބާއްވަމުން އަންނަ މުބާރާތެއް. ސައުތް އޭޝިޔާ މުބާރާތުން ދީމާ ރަން މެޑަލް ހޯދުމާއިއެކު އޭނާ ފަނީ އޭޝިޔާގެ މުބާރާތަށް ކޮލިފައިވެފައި. އޭޝިޔާ މުބާރާތުގައި ވާދަކުރާނީ އޭޝިޔާގެ އެކި ސަރަހައްދުތަކުގެ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕުން. ޕީއެސްއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއީލް ސުޖާޢު ބުނީ ދިމާ މިހޯދި ކާމިޔާބީއަކީ މުޅި މި ކުޅިވަރާއި ގައުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް. މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިޔާއަކީ މިހާރު ޓީޓީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެއްކަމަށާއި އިންޑިޔާގެ ކުޅުންތެރިން ދިމާ ބަލިކުރުމަކީވެސް ރަން މެޑަލްގެ އިތުރުން ދީމާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ސުޖާބުނި.
"އިންޑިޔާއަކީ މިހާރު ޓީޓީގެ ބޮޑު ބާރެއް. އިންޑިޔާވަނީ ޖަޕާންގެ މައްޗަށް ކުރިވެސް ހޯދާފަ. އޭގެކުރިން ކޮމަންވެލްތްގެ ގޯލްޑްވެސް އިންޑިޔާވަނީ ނެގެސްފަ. އަންހެން، ފިރިހެން، އަދި އިންޓިވިޗުއަލް އިވެންޓްތަކުން ގެނައި. އެހެންވީމަ އިންޑީޔާއަކީ މިހާރު ޓީޓީއަށް ވަރަށް ކުރިއަރަމުން އަންނަ ގައުމްއެއް. އެގައުމްގެ ޔޫތް ކުޅުންތެރިންނަކީވެސް ވަރަށް މޮޅެތި ކުޅުންތެރިން. ވަސީލަތުގެ ގޮތުންނާއި ކޯޗުންގެ ގޮތުންވެސް އިންޑިޔާއަކީ މިހާރު ޓީޓީގައި ތަފާތު ގައުމްއެއް. އެހެންވީމަ ދީމާ މިފަހަރު ހޯދި ކާމިޔާބީއަކީ ތާރީހުގެ ތެރެއަށް ވަދެގެންދާނެކަމެއް. މިއީ އަތްޖަހާލާފައި ދޫކޮށްލާވަރުގެ ކަމެއް ނޫން. މިއީ ދީމާގެ މައިންބަފައިންގެ ބުރަ މަސައްކަތް."

ރާއްޖޭގައި ޓޭބަލް ޓެނިސް ކުޅޭތާ މިހާރު 59 އަހަރު ވެފައިވާއިރު، މިއީ ރާއްޖެއަށް ޓޭބަލް ޓެނިސް ކުޅުންތެރިއަކު ރަން މެޑަލްއެއް ހޯދި ފުރަތަމަ ފަހަރު.






***********