ޚަބަރު

ބްރެކްސިޓްގެ ޚިޔާލު ދޫކޮށްލާ މަންޒަރު ދެކެން ބޭނުންވާކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީވަޒީރު ވިދާޅުވެއްޖެ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ގެންގުޅޭ ޚިޔާލު ދޫކޮށްލާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ދުވަހުނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން މާސް ވިދާޅުވީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިނުވެ އޮތުމަކީ ޖަރުމަނުވިލާތުން އެންމެ ބޭނުންވާ ގޮތްކަމަށެވެ. އެހެންނަމަވެސް މިކަމަކީ މިހާރު ނާދިރު ކަމެއްކަމަށް ޖަރުމަނުވިލާތުން ޤަބޫލުކުރާ ކަމަށާއި، މިކަމާ މެދު އެ ޤައުމުން މާބޮޑު އުއްމީދެއް ނުކުރާ ކަމަށްވެސް މާސް ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ނޮވެމްބަރު މަހު އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ޤާއިމުކުރި އެއްބަސްވުން ފާސްކުރުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ދެކޮޅުހެދި ނަމަވެސް މި އެއްބަސްވުމާ ބެހޭގޮތުން އަލުން ވިލާތުގެ އިއްތިހާދުން މަޝްވަރާތަކެއް ކުރިއަށް ނުގެންދާނެކަމަށެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު މާސް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދެ ފަރާތުގެ ދެމެދު ކުރި މަޝްވަރާތަކަށް ފަހު ޤާއިމުކުރި މި އެއްބަސްވުމަށް ފުރަގަސްދިނުމަށް ވިލާތުގެ އިއްތިހާދުން އަދި ތައްޔާރުނުވާ ކަމަށެވެ. އަދި މި އެއްބަސްވުމާ ބެހޭގޮތުން އަލުން މަޝްވަރާތައް ކުރަމުން އިނގިރޭސިވިލާތުން އެދޭނަމަ އެންމެ އުނދަގޫ ގޮތަށް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެ ޤައުމުން ތައްޔާރަށް އޮންނަންޖެހޭ ކަމަށްވެސް މާސް ވިދާޅުވިއެވެ.