ޚަބަރު

އެމް.ކިއު.އޭއިން ހުއްދަ ދީފައިވާ އުސޫލާ ޚިލާފަށް ހިންގާ އެކަޑަމިކް ޕްރޮގްރާމުތަކުގެ ހުއްދަ ބާޠިލުކުރަނީ


މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ އުސޫލާ ޚިލާފަށް ހިންގާ އެކަޑަމިކް ޕްރޮގްރާމުތަކުގެ ހުއްދަ ބާޠިލްކުރާނެކަމުގެ އިންޒާރު އެ އޮތޯރިޓީން ދީފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިއު.އޭއިން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ހުއްދަދޭގޮތާ ޚިލާފަށް ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގާ އިޝްތިހާރުކުރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އެ އޮތޯރިޓީން ވިދާޅުވީ، މިގޮތަށް އަމަލުކުރަން ޖެހެނީ ތަޢުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފަހައްޓައި، ދަރިވަރުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ކަމަށެވެ.

އެމް.ކިއު.އޭއިން ވަނީ އެ އޮތޯރިޓީން ހުއްދަދޭ މިންގަނޑުތަކާ ޚިލާފަށް މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ނުހިންގުމަށް ރާއްޖޭގެ މަތީ ތަޢުލީމުދޭ ހުރިހާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ޓަރޝަރީ އިންސްޓިޓިއުޓްތަކަށް އަންގާފައެވެ.

އެމް.ކިއު.އޭއިން ވިދާޅުވީ ރާއްޖޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭގޮތަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކަށް ހުއްދަދީ އެކަމާ ގުޅުންހުރި ކަންކަން ރާވައި ހިންގުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. އަދި ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެ ކޯސްތައް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބަލައި ކަށަވަރު ކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކަޑަމިކް ޕްރޮގްރާމްތަކަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަށް އެކަންޏެވެ.