ސިޔާސީ

ރާއްޖޭގެ މަސްރަހު މި ދަނީ ވަރަށް ގާތުން ބަލަމުން- ކޮމަންވެލްތް


ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ގާތުން ބަލަމުންދާ ކަމަށާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ވެސް ބަލަމުންދާ ކަމަށް ކޮމަންވެލްތުން ހާމަކޮށްފިއެވެ.ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލާ ހަވާލާދީ އެޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދަޢުވާގައި އިއްޔެ އޮތް އަޑުއެހުމުގައި ނަޝީދުގެ ޤާނޫނީ ޓީމު ބައިވެރިކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ކުރީގެ ދިފާޢީ ވަޒީރު މުޙައްމަދު ނާޒިމް ހައްޔަރުކުރި މައްސަލައާ މެދު ވެސް ކަންބޮޑުވާ ކަމަށް ކޮމަންވެލްތުން ވަނީ ބުނެފައެވެ.މި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވުމަށް ޚާރިޖީ ވަޒީރު ދުންޔާ މަޢުމޫނާ ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅުދައްކަވާފައިވާ ކަމަށާ މިދަނޑިވަޅުގައި ރާއްޖޭގެ ޤާނޫނުތައް ދެމެހެއްޓުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލާފައިވާ ކަމަށެވެ.ޓެރަރިޒަމްގެ ދަޢުވާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރި މައްސަލައިގައި އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ، ނަޝީދު ހައްޔަރުކުރި މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިސްވާލް ރާއްޖޭގެ ޚާރިޖީ ވަޒީރާ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. މި ވާހަކަތަކުގައި ރާއްޖޭގެ ސަރުކާރުން ޑިމޮކްރަސީ ދިފާޢުކުރުމަށާ ޝަރުއީ މިނިވަންކަން ދިފާޢުކޮށް ޤާނޫނު ދެމެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ބިސްވާލް ގޮވާލައްވާފައިވާ ކަމަށް ސާކީ ވިދާޅުވިއެވެ.އިންޑިޔާގެ ޚާރިޖީ ވުޒާރާގެ އިސް ތަރުޖަމާނު ސައީދް އަކްބަރުއްދީން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއިމެދު އިންޑިޔާއިން ކަންބޮޑުވާކަމަށެވެ. އަދި މިވަގުތު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ޙައްލެއް ހޯދުމުގައި، ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.ރާއްޖޭގައި ޞުލްހަ ޤާއިމްކުރުމަށާއި، ޑިމޮކްރެސީ ނެގެހެއްޓުމަށާއި އަދި ތަރައްޤީއަށް ދިވެހި ރައްޔިތުންނާއި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިންޑިޔާއިން އަބަދުވެސް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.ތަރުޖަމާން ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރުމާއި، މެދުވެސް އިންޑިޔާއިން ކަންބޮޑުވާކަމަށެވެ.