ޚަބަރު

ރައީސްގެ ހިތްހެޔޮކަން ލަންކާއަށް ވަޑައިގެން ދަތުރުމަތިން


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ސްރީ ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރި ކޮށްދިނުމަށްޓަކައި ލަންކާއަށް ވަޑައިގެން ދަތުރު ވެގެން ދިޔައީ އެމަނިކުފާނުގެ ފަރާތުން އަނެއްކާވެސް ތަފާތު މަންޒަރެއް ފެނިގެންދިޔަ މަންޒަރަކަށެވެ. އެމަނިކުފާނުގެ ހިތް ހެޔޮކަމާއި މީހުންނާއި ގުޅޭކަމުގެ އަލިގަދަ ހެއްކެއް މިއަދު ފެނިގެންދިޔައެވެ.

ރައީސް ޞާލިޙު ދަތުރު ކުރެއްވި ސްރީ ލަންކަން އެއަރލައިންގެ ބޯޓު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމުގެ ކުޑަވަގުތުކޮޅެއް ކުރިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެކު އިކޮނޮމީ ކްލާހުގައި ތިބި މީހުންގެ ގާތަށް ރައީސް ޞާލިޙު ވަޑައިގަތެވެ. ރައީސް ޞާލިޙު އިކޮނޮމީ ކްލާހަށް ވަޑައިގަތުމާއި އެކު އެތަނުގައި ތިބި އެންމެން ކަހަލަ ގޮތަކަށް އެމަނިކުފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ.

ރައީސް ޞާލިޙު ދަތުރު ކުރެއްވި މި ބޯޓުގައި ލަންކާއަށް ދިއުމަށްޓަކައި ދިވެހިންނާއި ލަންކާ ރައްޔިތުންވެސް ތިއްބެވެ. އަދި ބޭރު އެހެން ޤައުމުތަކުގެ މީހުންވެސް މި ބޯޓުގައި ތިއްބެވެ. ވަކި ޤައުމެއް ވަކި މީހެއް ރައީސަކަށް ނެތެވެ. ހަމަ ކޮންމެ މީހަކާމެ ހިނިތުންވުމާއި އެކު ވާހަކަދެއްކެވިއެވެ.

ބައެއް މީހުންނާއި އެކު ކުޑަވަގުތުކޮޅެއް ވަންދެން ވާހަކަފުޅު ދައްކަވާލަން ހުންނެވިއެވެ. ބައެއް މީހުން ރައީސްއާ އެކު ސެލްފީ ނަގަން ބޭނުންވިއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. އެމީހަކު ބޭނުން ވަރަކަށް ސެލްފީ ނެގުމުގެ ފުރުޞަތު ރައީސް ޞާލިޙު ދެއްވިއެވެ.

މިއީ ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރުތަކެވެ. ޚާއްސަ ގޮތެއްގައި މިފަދަ ރަސްމީ ދަތުރެއްގައެވެ. ނަމަވެސް ރައީސް ޞާލިޙު ފާހަގަކުރެވެނީ ރައްޔިތުންނާއި ވާހަކަ ދެއްކުމުގައި ގާތް ކަމެއް ބަހައްޓަވާ ރައީސެއްގެ ގޮތުގައެވެ. ހިތްހެޔޮ ކަމާއި އެކު ކޮންމެ މީހަކާއިވެސް ރައީސް ވާހަކަދައްކަވައެވެ.