ކުޅިވަރު

ޕޮލިސް ބަލިކޮށް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފި


ޕޮލިސް ކުލަބު ބަލިކޮށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ކުލަބު ވެމްކޯއިން ހޯދައިފި.

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދީ ފައިނަލްގައި ޕޮލިސް ކުލަބު ތިން ސެޓު އެއް ސެޓުން ބަލިކޮށްގެން. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަންސަވީސް ތޭވީހުން ކާމިޔާބުކުރީ ވެމްކޯއިން. ދެވަނަ ސެޓު ބޮޑު ތަފާތަކުން ޕޮލިހުން ހޯދި. އެއީ ސަތާރަ ފަންސަވީހުން. މެޗުގެ ޖެހިގެންއައި ދެ ސެޓުވެސް ފެނުނީ ވަރަށް ފޯރިގަދަކޮށް. ތިންވަނަ ސެޓު ސައްބީސް ސައުވީހުން ވެމްކޯ ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ ހަތާވީސް ފަންސަވީހުން. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުލަބު ވެމްކޯގެ އާމިނަތު އަރީޝާ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު އައުޓްސައިޓް އެޓޭކަރުގެ މަގާމް ހޯދީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ވެމްކޯގެ އައިޝަތު މާޖިދާ ހޮވުނުއިރު، ތާޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވެމްކޯގެ އަރީޝާ. އެންމެ މޮޅު ސެޓަރަކީ ލޮރެންޒޯގެ ފާތިމަތު ޖޫޒާން ޒަރީރު. ބެސްޓް މިޑްލް ބްލޮކަރަކީ ލޮރެންޒޯގެ ހައްވާ ޝަޚާ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ ޕޮލިހުގެ ޚަދީޖާ އިބްރާހިމް. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ޕޮލިހުގެ ނުހާ ވަހީދު ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އާމިނަތު ޝާހާ ޝާނިމް. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކުލަބު ވެމްކޯގެ ކޯޗު ސޮފްވާން އަހުމަދު.