ވިޔަފާރި

ލ. އަތޮޅުގައި ހުއިފިލަނޑާ، އާލާކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު ޒަހާ ބައްލަވާލައްވައިފި


ލ. އަތޮޅުގެ 3 ރަށެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ބައްލަވައިލައްވައިފިއެވެ.

މިނިސްޓަރު ބައްލަވާލައްވާފައިވަނީ ލ. އިސްދޫގައި ހުންނަ ހުއިފިލަނޑާ އާލާކުރާތަނާއި، ލ. ދަނބިދޫގެ އިތުރުން ލ. ފޮނަދޫގައި ހުންނަ ބުލޫ ބުރިޖް ކިޔާ ހުއިފިލަނޑާ އާލާކުރާ ފާރމެވެ. މިނިސްޓަރު ޒަހާ ވަނީ މިތަންތަން ހިންގާ ފަރާތްތަކާއި ބައްދަލުކުރައްވައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައި އެމީހުންގެ ކަނބޮޑުވުން އޮޅުންފިލުވާފައެވެ.

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ.އަތޮޅުގައި ކުރިއަށްދާ ހުއިފިލަނޑާ އާލާ ކުރުމުގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް މިނިސްޓަރު ޒަހާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިނިސްޓރަު ވިދާޅުވެފައިވަނީ، މި މަޝްރޫޢުގައި މިހާރު ބޭނުންކުރަމުންދާ މޮޑެލްގެ ބަދަލުގައި ތަފާތު އެހެން މޮޑެލްއަކަށް އެ މަޝްރޫއު ބަދަލު ކުރުމަށް ރާވާފައިވާކަމަށާއި، މަޝްރޫއު ފެށިއިރު، ފައިދާ ވާނެ ކަމަށް ލަފާކުރި އަދަދަށް ފައިދާނުވާކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ލޯނު ނަގައިގެން ހުއިފިލަނޑާ މަޝްރޫޢު ފަށާފައިވާ މީހުންގެ ތެރެއިން އެ މަސައްކަތް ހުއްޓާލަން ބޭނުންވާ މީހުނަށް އެފުރުސަތު ދޭނޭކަމަށެވެ. މިގޮތުން ނަގާފައިވާ ލޯނަށް ލުޔެއްދީ، އެފަރާތްތަކަށް ދޫކޮށްފައިވާ ތަކެތި އަބުރާ ސަރުކާރަށް ނެގުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި މަޝްރޫޢު ކުރިއަށްގެންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ދެމުންގެންދާނޭކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.