ކުޅިވަރު

އަންހެނުންނަށް ހާއްސަކޮށްގެން އަތޮޅު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ!


އަންހެނުންނަށް ހާއްސަކޮށްގެން އަތޮޅު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ތައްޔާރު ވަމުންދާކަމަށް އެފްއޭއެމުން ބުނެފިއެވެ. ބ.އޭދަފުށީ ފުޓްބޯޅަ ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެއްކްޓަރ އިޙްސާން އަބްދުލް ޢަނީ (ސާންތި) ބުނީ އަބަދުވެސް މުބާރާތްތައް ޚާއްސަ ކުރެވެނީ ފިރިހެނުންނަށްކަމުން މިއަހަރު އެފްއޭއެމުން އަތޮޅުތަކުގައި މިފަށާ ޕްރޮޖެކްޓްގެ ދަށުން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެއެވެ.

އެފްއޭއެމްގެ އަމާޒަކީ ކުރިއަށް މިއޮތް 5 އަހަރު ތެރޭގައި އަންހެން ކުދިންގެ މެދުގައި އެންމެ މަޤްބޫލް ކުޅިވަރަކީ ފުޓްބޯޅަ ހެދުމެވެ. އެކަން ހާސިލް ކުރުމަށްޓަކައި އަތޮޅު ތެރެއިން ނަގާ ކޯޗުންގެ ފަރާތުން އެފްއޭއެމަށް ވަރަށް ބޮޑަށް އެއްބާރުލުން ބޭނުން ވާނެކަމަށް އިހުސާން ބުންޏެއެވެ.

"އަތޮޅު ފެންވަރުގައި އަންހެން މުބާރާތެއް ބޭއްވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިކޮންމެހެން ވާކަށް ނުޖެހޭ 11 ކުޅުންތެރިން ލައިގެން ކުޅޭ ބޮޑު ފުޓްބޯޅަ މުބާރާތަކަށް. ފުޓްސެލް ވިއަސް ނުވަތަ ކޮޅަކަށް 8 ލައިގެން މުބާރާތެއް ބޭއްވޭތޯ މިމަސައްކަތް ކުރަނީ. މިހާރު އެފްއޭއެމްއިން ގެންގުޅޭ ތަސައްވަރެއް މިއީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެވެސް ތަސައްވަރެއް މިއީ އަންހެން ކުދިންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވަން. އަންހެން ކުދިންގެ މެދުގައި ކުޅޭ އެންމެ މަގްބޫލް ކުޅިވަރަށް ފުޓްބޯޅަ ހެދޭތޯ މިމަސައްކަތް ކުރަނީ."

އެފްއޭއެމުން މިއަހަރު ރާއްޖޭގެ 8 ސަރަހައްދެއްގައި އޮފީސްތައް ހަދައި ފުޓްބޯޅަ ކުރިއެރުވުމަށް ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ހިންގާ މި ޕްރޮޖެކްޓެގެ ތެރެއިން އަންހެން ކޯޗުންނަށްވެސް ފުރުސަތު ދޭނެކަމަށް ސާންތިވަނީ ބުނެފައެވެ.

ރ.ބ.ޅ މި ތިންއަތޮޅުގެ ޑިވަލަޕްމަންޓް އޮފިސަރ މުހައްމަދު ޒާޙިދު ބައްޓޭ ބުނީ ބަޖެޓް ލިބޭ މިންވަރަށް ބަލާ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނެކަމަށެއެވެ. އަދި މިކަމަކީ އަމިއްލަ ކަމެއްކަމަށް ދެކިގެން، ކުރުމުން އޭގެ ފައިދާ ކުރާނީ ހަމަ އެކަނި މި ތިންއަތޮޅަށް ނޫންކަމަށައި މިކަމުން ފައިދާ ކުރާނީ މުޅި ގައުމަށެއެވެ.