ޚަބަރު

ލަންކާ އެއަރޕޯޓުގައި ޑްރޯން އެރުވި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި


ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓު ޑްރޯން އަރުވައިގެން ވީޑިއޯ ކުރި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުންނާއި ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ޢުމުރަކީ 19 އަހަރާއި 23 އަހަރާއި ދެމެދު ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި އެއް އަންހެނެކެވެ.

ލަންކާ ފުލުހުންނާއި ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވަނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ލަންކާގެ އެއަރޕޯޓުގެ ހައި ސެކިއުރިޓީ ޒޯނެއް ވީޑިއޯ ކުރަން ތިއްބާ ކަމަށެވެ. ލަންކާ ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ހުއްދަ ނުނަގާ ވީޑިއޯ ކުރުމުގެ ސަބަބުން ކަމަށެވެ.

ހައްޔަރުގައި ތިބި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ނެގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރާނެއެވެ.