ޚަބަރު

ބުރިޖު ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަނީ


ސިމަނާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި 5 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ސޯލާ ޕެނަލް ހަރުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި ހައިވޭގައި ސޯލާ ޕެނެލް ހަރުކޮށްގެން 5 މެގަވޮޓުގެ ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.

މި މަޝްރޫޢަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މާރޗް މަހުގެ 24 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް އެމިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ވޯރލްޑް ބޭންކްގެ އެހީގައި ހިންގާ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ސޯލާ ޕެނަލް ހަރުކޮށް 1.5 މެގަ ވޮޓްގެ ކަރަންޓު ގެންދަނީ އުފައްދަމުންނެވެ.