ޚަބަރު

ރަސްމާދޫގައި ރަށްގިރުމުގެ މައްސަލަ ބޮޑުވެފައި


ރ. އަތޮޅު ރަސްމާދޫއަކީ 1999 ވަނަ އަހަރުން ފެށިގެން ރަށްގިރުމުގެ މައްސަލަ ދިމާވަމުން އަންނަ ރަށެކެވެ. މިހާތަނަށް އައިރުވެސް މިމައްސަލައަށް އެކަށީގެންވާ ޙައްލެއް ނުލިބި، ރަށުގެ ވަށައިގެންވާ ސަރަޙައްދުން ބޮޑު ބައެއް ގިރައި މޫދަށްވެފައިވާކަމަށް ރަސްމާދޫ ކައުންސިލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލްގެ ރައީސް ޠާޙާ ރަޝީދު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް މީގެކުރިންވެސް ސަރުކާރާއެކު އެކިފަހަރު މަތިން މަޝްވަރާކޮށް މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް އެދެވޭ ޙައްލެ ނުލިބި ރަށުގެ ދެކުނު ފަރާތާއި އުތުރު ފަރާތުން ބޮޑު ބައެއް ގިރައި ބައެއް ގަސްތައް ވެއްޓިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"
"ރަށުގެ ދެކުނު ފަރާތުން ފުދޭވަރަކަށް ގިރަމުންދަނީ. އުތުރު ފަރާތުންވެސް ގިރާ މިންވަރު ކުޑައެއް ނޫން. ދެކުނު ފަރާތުން އެބަހުރި ބައެއް ގަސްގަސް ވެއްޓި މޫދަށް ނެތިގެންދާ މަންޒަރު ފެނިފައި އެކަމު އުތުރުން ފަޅިން އެމަންޒަރު ނުފެނޭ ގަސްތައް ހުންނަނީ އެތެރެއިން ކަމަށްވާތީ، ރަށުގެ ބޮޑުބައެއް ފުދޭ ވަރަކަށް ގިރައިގެން ގޮސްފައިވަނީ"
ރަސްމާދޫ ކައުންސިލްގެ ރައީސް ޠާޙާ ރަޝީދު

ރަސްމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ރައްޔިތުން މީގެކުރިންވެސް ސިމެންތި ބަސްތާއާއި ގާތޮށިގަނޑެއް ހެދިކަމަށާއިމ ރަށްގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު އާ ސަރުކާރެއް އައިސްފައި އަޅުގެނަޑުމެން މިތިބީ ވަރަށް އުއްމީދުގައި. އުއްމީދަކީ މިފަސް އަހަރު ނިމެންވާއިރަށް ރަސްމާދޫ ރައްޔިތުންގެ އުއްމީދު ފުރިހަމަކޮށްދިނުމުގެ ގޮތުން ރަށްގިރާ ސަރަޙައްދުތަށް ފާހަގަކޮށް ތޮށިވެސް ލައިދިނުން" ޠާޙާ ވިދާޅުވިއެވެ.

ރަސްމާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ރަސްމާދޫއަކީ 800 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.