ޚަބަރު

ރަނިން ރަން - މިފަހަރު ހަމައެކަނި އަންހެނުންގެ ދުވުމެއް


އަންހެނުންގެ ދުވަހާ ގުޅުވައިގެން ޓީއެފްޖީން ބާއްވާ "ރަނިން ރަން" ދުވުން އިފްތިތާޙްކޮށް، ޓައިޓަލް ސްޕޮންސަރަކަށް ކެއަރ ސޮސައިޓީ ހަމަޖައްސައިފިއެވެ.

މިކަމާބެހޭ އެއްބަސްވުމުގައި ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސައިން ޒިނާން އަދި ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ތޯހާ ސަލީމެވެ. ހަމައެކަނި އަންހެނުންނަށް ބާއްވާ މި ދުވުމުގެ ބޭނުމަކީ އަންހެނުން އެމީހުންގެ ސިއްޙަތާއިމެދު ވިސްނައި، ހެލިފެލިވެ އުޅުން އިތުރުކުރުމަށް ބާރުއެޅުންކަމަށް ޓީއެފްޖީން ބުނެއެވެ.

ޓީއެފްޖީގެ ސީއީއޯ ޙުސެއިން ޒިނާން ވިދާޅުވީ މިފަދަ ބޮޑު ހަރަކާތެއްގެ ޓައިޓަލް ސްޕޮންސަރަކަށް ކެއަރ ސޮސައިޓީ ހަމަޖެއްސީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ އަޑު އުފުލައި، އެކުދިންނަށް ބޭނުންވާ ކަންކަމަށް މުޖުތަމައުގެ ސަމާލުކަން އިތުރުކުރުމަށްކަމަށެވެ.
1000 މީހުންނަށް ބައިވެރިވެވޭ މި ދުވުމުގައި، ބައިވެރިވުމަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

"ދުވުމުގެ ރެޖިސްޓްރޭޝަން ފީއަކީ 10 ޑޮލަރަށްވާ ފައިސާ. ލިބޭ ރުފިޔާގެ 20 އިންސައްތަ ހަދިޔާކުރާނީ ކެއަރ ސޮސައިޓީއަށް. އުންމީދުކުރަނީ 60 ހާހެއްހާ ރުފިޔާ ހަދިޔާކުރެވޭނެކަމަށް." ޓީއެފްޖީގެ ސީއީއޯ ޙުސެއިން ޒިނާން ވިދާޅުވިއެވެ.

މި ހަރަކަތަކީ މަދަނީ ޖަމިއްޔާއެއް ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސައިގެން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކެއަރ ސޮސައިޓީގެ ޗެއަރމަން ތޯހާ ސަލީމް ވިދާޅުވީ ޖަމިއްޔާތަކާއި، ވިޔަފާރިތަކުން ލިބޭ އެހީ، ކެއަރ ސޮސައިޓީގެ ހިންގުުމުގައި މުހިންމު ރޯލެއް އަދާކުރާކަމަށެވެ.

"މިފަދަ އެހީތައް ދަރިވަރުންނާއި، ބެލެވެރިންނާއި، ކެއަރ ސޮސައިޓީގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ބަލައިގަންނަން." ކެއަރ ސޮސައިޓީގެ ޗެއަރމަން ތޯހާ ސަލީމް ވިދާޅުވިއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭގައެވެ. "ރަނިން ރަން" ގައި 7 ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވެއެވެ.