އެފްރިކާ އާއި އޭޝިޔާގެ ޤައުމުތަކުގެ މީހުން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖްރަކުރުމަށް ކުރާ ދަތުރުތަކުގައި ފާއިތުވެދިޔަ ދެ އަހަރު ތެރޭ ފަސްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ގެނބިގެން މަރުވެފައިވާކަމަށް އިންސާނީ އެހީގެ މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފާމާއި އިތުރު ފަންސާސް ތިން ޖަމުޢިއްޔާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި ފަސްހާސް ތިން ސަތޭކައަށްވުރެ ގިނަ ހިޖުރަވެރިން ގެނބިގެން މަރުވުމަކީ ސަރަހައްދުގެ ޤައުމުތައް ލަދުވެތިވާންޖެހޭ ކާރިސާއެއްކަމަށެވެ. އަދި މިހެން ދިމާވަނީ، އެފްރިކާ އާއި އޭޝިޔާގެ ޤައުމުތަކުގެ މީހުން ކުދިކުދި އުޅަނދުތަކުގައި މެޑިޓަރޭނިޔަން ކަނޑު ހުރަސްކުރުމަށް ކުރާ ދަތުރުތަކަށް، އެ ފަރާތްތައް ނިސްބަތްވާ ޤައުުމުތަކުގެ ސަރުކާރުތަކުން ފުރުސަތު ދޭތީކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ޣައިރުޤާނޫނީ ގޮތަށް ކުރާ އެ ދަތުރުތައް އިންތިޒާމްކުރަނީ އެ މީހުންގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ޖަމާޢަތްތަކުންކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.