ކުޅިވަރު

ކައިލް ވޯކާރގެ ޓްވީޓަށް ކްކޮޕް ރައްދު ދީފި


ވާދަވެރި ޓީމެއް އަތުން ޕޮއިންޓް ގެއްލުމުން އުފާކުރުމަކީ ސަޕޯޓަރުން ކުރާ ކަހަލަ ކަމެއްކަމަށާއި، އެއީ ފުޓުބޯޅަ ކުޅުންތެރިން ނުވަތަ ކޯޗުން ކޮށްގެންވާނެ ކަމެއް ކަމަށް ނުދެކޭކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނީ ލެއިސްޓަރ ސިޓީއާ އެއްވަރުވެ، ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ މެދު އޮތް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު ލިވަޕޫލަށް ގެއްލުމުން އެކަމަށް މަލާމާތްކޮށް މެންޗެސްޓަރ ސިޓީގެ ކުޅުންތެރިޔާ ކައިލް ވޯކަރ ކުރި ޓްވީޓާމެދު ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުންނެވެ.

ނިއުކާސަލް އަތުން މެންޗެސްޓަރ ސިޓީ ބަލިވުމާއެކު އޭގެ ޖެހިގެން އައި ދުވަހު، ލެއިސްޓަރ ސިޓީ ބަލިކޮށް ޕްރިމިއަރ ލީގްގެ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ލީޑް ހަތް ޕޮއިންޓަށް ފުޅާ ކުރުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕްރިމިއަރ ލީގް ކާމިޔާބުކުރުމުގެ ރޭހުގަ މި ފަހަރުގެ ސީޒަންގައި ލިވަޕޫލާ އެންމެ ވާދަވެރި ޓީމް މެންޗެސްޓަރ ސިޓީގެ ފަހަތަށް ކުޅޭ ކައިލް ވޯކަރ ވަނީ ލިވަޕޫލަށް މަލާމަތްކޮށް ކުރި ޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އެހެން ކްލަބްތަކަށާއި ކުޅުންތެރިނާއި، އެގޮތަށް ދިމާކުރުމަކީ އޭނާގެ އުސޫލެއް ނޫން ކަމަށް، އަދި ސަޕޯޓަރުން އެފަދަ ކަންތައް ކުރިޔަސް ކުޅުންތެރިންގެ ފަރާތުން މިފަދަ ކަމެއް ފެންނަން ޖެހޭ ސަބަބެއް ނޭނގޭކަމަށެވެ.

ކައިލް ވޯކަރގެ މި ޓްވީޓާމެދު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ކުޅުންތެރިން ސޯޝަލް މީޑިޔާގައި ކުރާ ކަންތަކަކީ އޭނާ ބަލަންޖެހޭ ކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާއަށް ކޮންޓްރޯލްކުރެވޭނެ ކަމެއްވެސް ނޫންކަމަށެވެ.

ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނައިގަ އޮތީ ސިޓީއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.