ޚަބަރު

ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިއްޖެ - ރައީސް


ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަޙައްދުގައި ރޭ އެމްޑީޕީން ބޭއްވި "އެޖެންޑާ 19" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މުހިއްމު ބައެއް މަސައްކަތްތައް ރައްޔިތުންނާއި ޙިއްޞާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމް ޙާޞިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓު ލޯންގެ އިންޓްރެސްޓް ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގެ އަގު 25 ޕަސެންޓާއި 30 ޕަސެންޓަށް ކުޑަ ކުރެވިފައިވާ ކަމަށާއި މަސްވެރިންނަށް ޑީސަލްގެ ޑިއުޓީ ކަނޑާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

"ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ޓާރމްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ. އަދި އެސްއެމްއީ ލޯނުގެ ޚިދުމަތް މާރޗް މަހުވެސް ފަށާނެ. ހަމަ އެހެންމެ އެއްވެސް ރަށެއް ބާކީ ނުކޮށް ކޮންމެ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ އެންމެ މުހިއްމު އެއް މަސައްކަތެއްގެ ތެރޭގައި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ޤާނޫނު އިޞްލާޙު ކުރުމަކީ އެމްޑީޕީގެ ވިސްނުމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެންމެ ދެކެން ބޭނުންވަނީ ރަށު ކައުންސިލްތައް ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ކައުންސިލްތައް މާލީ ގޮތުންވެސް ބާރުވެރި ކުރުން ކަމަށެވެ.

ސަރުކާރުގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި އަދި މަޖިލީހުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް ކަމަށްވެސް ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.