ޚަބަރު

މަތީ ސާނަވީ ގްރޭޑްތަކުގެ ކިޔެވުން މާދަމާ ފަށަނީ


2019 ވަނަ އަހަރުގެ މަތީ ސާނަވީ ގްރޭޑްތަކުގެ ކިޔެވުން މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަތީ ސާނިވީ ގްރޭޑްތައްކަމަށްވާ ގްރޭޑް 11 އަދި 12 ގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ސްކޫލްތަކުން ވަނީ މިކަމަށް ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ގިނަކުދިން މަތީ ސާނަވީ ތަޢުލީމު ހާސިލުކުރާ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްއީން މިއަދު ވަނީ 566 ދަރިވަރުންނާއި އެކު އެސްކޫލަށް އަލަށް ގްރޭޑް 11 އަށް ވަންނަ ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވާފައެވެ. ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ މަތީ ސާނަވީއަށް ކިޔަވައިދޭ މަރުކަޒު، ސީއެޗްއެސްއީން ކިޔެވުމަށް ފޯމް ހުށަހެޅި، ޝަރުތުހަމަވާ ހުރިހާ ކުދިންނަށް މިފަހަރު ފުރުޞަތު ދީފައިވާކަމަށް އެސްކޫލްގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ ވިދާޅުވިއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ސީއެޗްއެސްއީގެ އޮރިއެންޓޭޝަންގައި އެސްކޫލާ އަލަށް ގުޅޭ ދަރިވަރުންނަށް ސްކޫލްގެ ގަވާއިދުތަކާއި، މަތީ ސާނަވީ ތަޢުލީމުގެ މުހިންމުކަމާގުޅޭ މައުލޫމާތު ދީފައިވެއެވެ. މި ޖަލްސާއަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް ޢާއިޝަތު ޞަފޫރާ ވިދާޅުވީ އެސްކޫލާ އަލަށް ގުޅުން ދަރިވަރުންނާމެދު ފޮނި އުންމީދުތަކެއް ކުރައްވާކަމަށާއި ކުރިން ހޯދި ކާމިޔާބީ ދަމަހައްޓައި އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ސީއެޗްއެސްއީ އަކީ ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެންމެ ރަންގަޅު ނަތީޖާއެއް ހޯދާ ސްކޫލެވެ. އެގޮތުން އޭލެވެލް ގަދަ 10 ގައި ހިމެނޭ ގިނަ ދަރިވަރުން ނިސްބަތްވަނީ ސީއެޗްއެސްއީއަށެވެ.

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.